ޚަބަރު

މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުތެރޭ ނިންމާނަން: މަތީން


  • މިމަަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވަނީ 2018ގައި

  • ފާއިތުވީ 5 އަހަރު އޮތީ މަސައްކަތް ހުއްޓިފައި

  • މި މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ފެށުމަށްވަނީ ނިންމާފައި

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުތެރޭ ނިންމާ، އެ ވިއުގައިން ޚިދުމަތް ދޭން ފަށާނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު ވިދާޅުއެވެ.

މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބުރިޖް މެދުވެރިކޮށް ގުޅާލުމަށް އެމްޑަބްލިއުއެސްސީން ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ އެޗްއީސީ އާއި ހަވާލުކޮށްފައިވަނީ 2018ވަނަ އަހަރުތެރޭއެވެ. އެހެން ނަމަވެސް މި މަސައްކަތް ފާއިތުވީ 5 އަހަރުތެރޭގައި އޮތީ ހުއްޓިފައެވެ.

ޕީއެސްއެމްގެ ހަފްތާ14 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު ވިދާޅުވީ މިމަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

" 2024ވަނަ އަހަރުތެރޭ އެ މަސައްކަތް ނިންމާފައި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލާނަން ބްރިޖް މެދުވެރިކޮށް، ގުޅުވާލީމައި، މާލެވެސް ހުޅުމާލޭގައިވެސް ފެނުގެ ޔަޤީންކަން ވަރަށް ބޮޑަށް އިތުުރުވެގެންދާނެ، ކާރިސާއެއް ދިމާވާ ހިނދެއްގައި ނުވަތަ ބްރޭކް ޑައުންއެއް ދިމާވާ ހިނދެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގެންދެވޭނެ ނުވަތަ ގެނެވޭނެ،" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތަކީ އެކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަސައްކަތްކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާ ދުވަސްވީ އިރުވެސް ނިންމާނުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން މަތީން ވަނީ ފާޅުކުރައްވާފައެވެ.

" އޭރު ހޮޅިވެސް އެޅިފައި އޮންނާނީ، އެހެންނަމަވެސް އަދިވެސް އެމަސައްކަތް ނިންމާލެވިފައެއް ނުވޭ، އަޅުގަނޑުމެން އޮފީހުން ނިކުމެ، 5 އަހަރުކޮށްފައި އަލުން އަނބުރާ އޮފީހަށް ވަތް އިރުގައި، އެ މަސައްކަތްތައް ހުރީ ހަމަ ހުރި ހިސާބުގައި،" މަތީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރެއް ޤާއިމުކުރެވޭނެކަމަށާއި މި މަސައްކަތް ނިމުމުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ހާމަކުރެއެވެ.