ޚަބަރު

ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފި


  • ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި

  • ފަތުރުވެރިން އިތުރުކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރާނެކަމަށް

  • ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމަށް ވަޒީރު ވިދާޅުވި

ވިޔަފާރީގެ ދާއިރާއިން އިންވެސްޓްމެންޓް އިތުރުކުރުމާއެކު، ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުއްވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު ސައީދު ވިދާޅުވީ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި އިތުރު ފްލައިޓްތަކާއި، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިއާއެކު ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީ.އައި.ޑީ.ސީ.އޭއިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެވަޑައިގަތުމަށް ވަޒީރު ސައީދު މިވަގުތު ހުންނެނީ ޗައިނާގައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެތެރެއިން ދެ ބޭފުޅުން ގެންދަވަނީ ތަފާތު އެކި ދާއިރާތަކުން ޗައިނާ އާއި ރާއްޖެއާއި ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށްޓަކައި ބައްދަލުވުންތައް ބާއްވަވަމުންނެވެ.