އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވާ މައްސަލަ ޙައްލުކުރުމަށް ރާއްޖެއިން ބޭރުން ސްޕެއަރ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ބޭރުން އާރް.އޯ ޕްލާންޓަށް ބޭނުންވާ ވީ.އެފް.ޑީ ޑްރައިވްއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ބުރާސްފަތި ދުވަހު އައްޑޫގެ ފެން ކެނޑުމާއި ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިއްޔެ މާލެއިން ވީ.އެފް.ޑީ ޑްރައިވްއެއް އައްޑުއަށް ފޮނުވާ، އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ އިނޖިނިއަރުން ކުރައްވަމުންދާކަމަށް މުޢާޒް ވިދާޅުވިއެވެ.
އެހެންނަމަވެސް މާލެއިން ލިބެންހުރި ވީ.އެފް.ޑީ ޑްރައިވްގެ މޮޑެލްއާއި އައްޑޫގައި ބޭނުންކުރަމުންދާ މޮޑެލްއާއި ދިމާނުވުމުން އިންސްޓޯލްކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް މުޢާޒް ވިދާޅުވިއެވެ. އެހެންކަމުން އައްޑޫއަށް ބޭނުންވާ މޮޑެލްގެ ވީ.އެފް.ޑީ ޑްރައިވްއެއް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މުޢާޒް ވިދާޅުވިއެވެ. ބެލެވޭގޮތުގައި ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޙިދުމަތްދޭ އާރް.އޯ ޕްލާންޓްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ޑްރައިވް އިންސްޓޯލް ކުރުމާއި ސެޓިންގ ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ. pic.twitter.com/S4dTmZuccd
— Fenaka Corporation Ltd (@TeamFenaka) December 8, 2023
ސަޕްލައި ފެން ކެނޑުމުގެ ސަބަބުން ގުޅިފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ. ފެނަކައިން މިމައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން މޭޔަރވަނީ ފާހަގަކުރައްވާފައެވެ.
2017 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އަންނަނީ ސަޕްލައި ފެނުގެ ޚިދުމަތް ބިލްކޮށްގެން ދެމުންނެވެ.