ޚަބަރު

މަކުނުދޫ ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ނިމޭނެ


  • މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހިއްކާ ސަރަޙައްދު ރިވެޓްމަންޓް ޖަހަމުންދާގޮތަށް

  • މަސައްކަތް މިހާރުދާ ސްޕީޑުގައި 7 މަސްދުވަސްތެރޭ އެއްކޮށް ނިމޭނެކަމަށް ލަފާކުރެވޭ

ހދ.މަކުނުދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބަށް އެއްކޮށް ނިމޭނެ ކަމަށް މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެއެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ބިގްފިޝް މޯލްޑިވްސްއާއެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެކުންފުންޏާއި ހަވާލުކޮށްގެން މަކުނުދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިމާއެކު ޖުމްލަ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިމަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ކުރިއަށް އޮތް 7 މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މިމަސައްކަތްކުރާ ކުންފުންޏާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެއްކޮށް ކުރިއަށްގެންދާގޮތަށް ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް ބަލާއިރު އެއަރޕޯޓްގެ ރަންވޭއަށް ބޭނުންވާ ބިން ފިޔަވާ ހުރިހާ ސަރަޙައްދެއް މިހާރުވަނީ ހިއްކާ ނިމިފައެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލީ، އޮކްޓޯބަރު މަހުގެ ތެރޭގައި އެރަށުގައި ވެލްޑިންގ ކުރުމުގެ މަސައްކަތް ކުރަމުންދިޔަ 2 ބިދޭސީއަކު ނިޔާވުމާއި ގުޅިގެންނެވެ. އޭގެ 12 ދުވަސްފަހުން އަލުން ބިން ހިއްކުމުގެ މަސައްކަތްވަނީ ފަށާފައެވެ. މަކުނުދޫގައި ބިންހިއްކާ އެސަރަޙައްދު ހިމާޔަތްކުރުމަށް 3493 ހެކްޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ސަރުކާރުން ބިގްފިޝްއާއި ހަވާލުކޮށްފައިވަނީ 16 މިލިއަން ޑޮލަރަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އެރަށުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް އޭރުގެ ސަރުކާރުން އޮތީ ނިންމާފައެވެ. އައު ސަރުކާރުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ދެއްވާފައެވެ.

ކުރިން ނިންމާފައި އޮތްގޮތުން މަކުނުދޫގައި ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން 1500 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. އާބާދީގައި 1800 އެއްހާ މީހުން ދިރިއުޅޭ މަކުނުދޫގައި މިމަޝްރޫޢު ހިންގުމަށް ސަރުކާރުން އޭރު ނިންމެވީ ހދ.އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުން ދަތުރުފަތުރަށް ކުރާ ހޭދައާއި އުފުލި ތަކުލީފު ނިމުމަކަށް ގެނައުމަށް ކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.