ޚަބަރު

މާފަންނުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް


  • ފަހު 2 ސެގްމަންޓްގެ މަސައްކަތް ވަނީ ހޮނިހިރު ދުވަހު ފަށާފަ

  • މި 2 ސެގްމަންޓްގައި 4 ލޭނެއް އޮންނާނެ

  • ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރާނެ

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރުއުގެ ދަށުން މަގުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ކުރުމަށް، މާފަންނުގެ ބައެއް މަގުތައް ވަނީ ބަނދުކޮށްފައެވެ. މިއާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އަމީނީމަގަކީ ސަރުކާރުގެ ގިނަ އޮފީސްތައް ހިމެނޭމަގަކަށް ވުމާއެކު އެ މަގަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ބޭނުންކުރާ މަގެކެވެ. އެގޮތުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފަހު ދެ ސެގްމަންޓްގެ މަސައްކަތް ކުރުމަށް އަމީނީމަގުގެ ބޮޑު ބައެއްވަނީ ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ދަތި ނުވާނެހެން އަމީނީމަގުގެ ޓްރެފިކް ފްލޯވަނީ ރާވާލާފައެވެ.

އަމީނީމަގު ބަންދުކޮށްފައިވާ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ޗީޕް އިންސްޕެކްޓާރ އޮފް ޕޮލިސް ފާތިޙް މުހައްމަދު ވިދާޅުވީ، ޢިއްޒުއްދީންމަގު ޖަންގުޝަނުން ފެށިގެން ބޮޑުތަކުރުފާނު މަގާއި އަމީނީމަގާއި ހަމަޔައް މަސައްކަތް ފެށިގެން ކުރިއަތް ދާއިރު މައިގަނޑު ތިންމަގެއް ބަނދުކޮށްފައިވާކަމަށެވެ. އެއީ އިއްޒުއްދީންމަގާއި، ހަނދުވަރީ ހިނގުމާއި، ކަނބާއައިސާރާނީ ހިނގުމެއެވެ. ފާތިހް ވިދާޅުވީ މި ތިން މަގުވެސް ބަނދުކުރެވިފައިވަނީ އަމީނީމަގަށް އާދެވޭގޮތައް އޮންނަ ސަރަހައްދުކަމަށެވެ. ފާތިހް ވިދާޅުވީ ޓްރެފިކް ފްލޯއަށް ބާރު ބޮޑު ނުވާނެގޮތަކަށް ރާވާލުމަށް އަލަށް ދެމަގަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

"އެއްމަގަކީ ބުރުޒުމަގު. ބުރުޒުމަގަކީ އިރުން ހުޅަނގަށް ގޮސްފައި ކަނބާއައިސާރަނި ހިނގުމަށް ނިކުމެވޭ މަގު. މި މަގު މިހާރު އަޅުގަނޑުމެން ވަނީ ޝަހީދުއަލީ ހިނގުމާއި ހިސާބުން ކަނާއަތައް އަޅާލެވޭގޮތައް އުތުރައް ބަދަލުކޮށްފައި. މާނައަކީ ބުރުޒުމަގުގެ ކަނބާއައިސާރަނީ ހިނގުމާއި ޝަހީދުއަލީ ހިނގުމާއި ދޭތެރޭ ކޮޅު ބަދަލުކޮށްލާފައޭ އިންނާނީ މިހާރު ހުޅަނގުން އިރައް އަންނަގޮތައް " ފާތިހް ވިދާޅުވިއެވެ.

ފާތިހް ވިދާޅުވީ ދެން ބަދަލުގެނައީ އައިޖީއެމްއެޗްއާއި ތާޖުއްދީން ސްކޫލާއި ދެމެދު މަގަށެވެ. އެމަގު މިހާރު ވަނީ ކުރިން ދުއްވާ ކޮޅު ނޫން އަނެއްކޮޅަށް ދެވޭނެގޮަތައް ބަދަލުކޮށްފައެވެ. ފާތިހް ވިދާޅުވީ މިމަގު ރޫޓް ބަދަލުކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ހިމެނޭ ހިރިޔާ ސުކޫލާއި ތާޖުއްދީން ސުކޫލްގެ ދަރިވަރުއްނާއި ބަލެނިވެރިއްނަށް ޓްރެފިކްގައި ނުޖެހި ފަސޭހަކަމާއެކު ދަތުރު ކުރެވޭމަގު ފަހިކުރުމުގެ ބޭނުމުގައިކަމަށެވެ.

ފާތިހް ވިދާޅުވީ މި ސަރަހައްދަކީ އާންމުން ގިނައިން ބޭނުންކުރާ ސަރަހައްދަކަށް ވުމާއެކު އާންމުއްނަށް އުނދަގޫ ނުވާނެހެން ޕާކް ކުރުމުގެ ކަންކަން އިންތިޒާމްކޮށްފައިވާކަމަށެވެ.

އެގޮތުން މުރަނގަމަކީ ބާރު ބޮޑު މަގަކަށް ވުމާއެކު އެ މަގުން އައިޖީއެމްއެޗްއާއި ވީ ކޮޅަށް ހަތަރު ފުރުޅުލީ އުޅަނދުތަކަށް ނުދެވޭގޮތަށް ވަނީ ކޯން ޖަހާފައެވެ. ފާތިހް ވިދާޅުވީ މީގެ އިތުރުން އިއްޒުއްދީން މަގުން ފެށިގެން މުރަނގަމަގާއި ހަމަޔައް އިއްޒުއްދީން މަގުގެ ވާއަތް ފަޅީގައި ޕާކް ނުކުރެވޭގޮތައް ކޯން ޖަހާފައިވާކަމަށެވެ. މި ސަރަހައްދުގައި ޕާކްކުރާ ފަރާއްތަކަށް ވަކިން ހާއްސަ ޕާކްކުރާނެ ތަނެއް ހަމަ ޖެއްސުމަކީ ކުރުން އުނދަގޫކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހިމެނޭ ވިލިމާލޭ ފެރީޓާމިނަލް ބޭނުންކުރާ ފަރާތްތަކުން އިއްޒުއްދީންމަގުން ޓީޖެޓީ ފަޅިން ފުޑް ކޯޓްކާރިން ވަދެ ޕާކް ކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހް މުހައްމަދު ވިދާޅުވީ އެ ސަރަހައްދުގައި ސުކޫލްތައް ހިމެނޭތީ ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަކުރުމުގެ ގޮތުން ހެނދުނު 7:30އިން ފެށިގެން ރޭގަނޑު 23:00ހަމަޔަށް ޓްރެފިކް ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށެވެ. އެގޮތުން ޕާކްކުރާ ފަރާއްތަކާއި އަދި ހިނގާ ބިނގާވެ އުޅޭ ފަރާއްތައްވެސް މަގު ބޭނުންކުރުމާއި އަދި ޕާކް ކުރުމުގައިވެސްއެ ސަރަހައްދައް ގެނެވިފައިވާ ބަދަލުތަކާއި އެއްގޮތައް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެންމެ ފުރަތަމަ ކަމަށް ޕާކިން. އަޅުގަނޑުމެން ކްލިޔާކޮށްފައިވާ ސަރަހައްދުގައި ޕާކް ނުކުރުން. ހާއްސަކޮން ޕާކިން ޒޯން ކަނޑައެޅިފައި ނެތް ތަންތަނުގައި ސައިކަލް ނުވަތަ ވެހިކަލް ޕާކްކޮށްލާފައި ނުދިޔުން. އެހެންވުމުގެ ސަބަބުން އެމަގު އެއްކޮން ޓްރެފިކް ޖޭމްވެގެން އެބަދޭ" ފާތިހް ވިދާޅުވިއެވެ.

މި ސަރަހައްދުތައް ބަންދުކޮށްފައިވާ ވުމުން އެ ސަރަހައްދުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑާއި އެ އިމާރާތުގައި ހިމެނޭ ދިވެހި ކަރެކްޝަން ސާރވިސްގެ މުވައްޒަފުން ބޭނުން ކުރަމުންދާ މައި ގޭޓު ދޫކޮށް މިހާރު ބޭނުން ކުރަމުން ދަނީ މޯލްޑިވްސް މީޑިއާ އިންސިސިޓިއުޓްގެ ގޭޓެވެ.

ހުއްޓިފައި އޮތުމަށްފަހު މިހާރު ފެށިފައިވާ އަމީނީމަގުގެ މިފަހު ދެ ސެގްމަންޓުގެ ސްކޯޕަށް ބަދަލުތަކެއް ވަނީ އައިސްފައިވެއެވެ. އެގޮތުން އަމީނީ މަގުގެ މި ދެ ސެގުމެންޓުގައި ހިމެނޭ ސަރަހައްދު ތަރައްޤީކުރަނީ ކުރިން ނިމިފައިވާ 11 ސެގްމަންޓަށްވުރެ ފުޅާކޮންކަމަށް އާރްޑީސީއިން މައުލޫމާތުދެއެވެ. އަދި މި ދެ ސެގްމަންޓްގައި 4 ލޭނެއް ހިމެނޭނެކަމަށް އާރްޑީސީން ބުންޏެވެ.