ޚަބަރު

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީޤުކުރުމާމެދު މަޖިލީހުގެ ލަފާ ހޯދަނީ


  • ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުމަށްވަނީ ނިންމާފައި

  • މުއާހަދާ ތަންފީޒްވުމުން މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކުރަންޖެހޭ

  • މިކަން ތަންފީޒްކުރުމަށް މުޢާހަދާގެ ދަށުން މާލީ އެހީ ހަމަޖެހިގެންދާނެ

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިކަމާގުޅޭގޮތުން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި މުޢާހަދާ ތަންފީޒުކުރުމުން މުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅިގެންދާނެއެވެ. އަދި މިކަން ތަންފީޒުކުރުމަށް މުޢާހަދާގެ ދަށުން މާލީ އެހީ ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން މި މުޢާހަދާ ތަންފީޒުކުރުން ވެގެންދާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މަރކިއުރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ.

މިނަމާޓާ ކޮންވެންޝަނަކީ ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ. މިހާތަނަށް 147 ޤައުމަކުން މި މުޢާހަދާ ތަސްދީޤުކޮށްފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް އަންނަނީ މި މުޢާހަދާ ތަސްދީޤުކުރުމަށް މަސައްކަތްކުރަމުންނެވެ.