އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ބަޖެޓު ބަހުސް ފެށިއްޖެ ކަމަށް އިއުލާނުކުރައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޮމެޓީން ހުށަހެޅި ބަޖެޓު ރިޕޯޓަށް 2 އިސްލާހެއް ލިބިފައިވާކަމަށެވެ. އަދި ކޮމިޓީގެ ލަފާގެ މަތިން ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެހެންކަމުން ބަހުސަށް ވަގުތު ދިނުމަށްޓަކައި މިއަދުގެ ޖަލްސާ 5 ޖަހަންދެން ޖަލްސާ ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ދިރާސާކުރާ ކޮމިޓީންވަނީ ފާސްކޮށްފައެވެ. ކޮމިޓީން މިބަޖެޓް ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން 30619915 (ތިންސަތޭކަ ހަ މިލިއަން އެއްލައްކަ ނުވަހާސް ނުވަ ސަތޭކަ ފަނަރަ) ރުފިޔާވަނީ އިތުރުވެފައެވެ. ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުވެފައެވެ.
އެގޮތުން މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލު ކަމަށްވާ "ފުށިދިއްގަރުފަޅު" މަޝްރޫޢަށް ހިމަނާފައިވާ ބަޖެޓްވަނީ އުނިކޮށްފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ. ކޮމިޓީ މަރުހަލާގައިވަނީ މިބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާފައެވެ.
ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފައިވާއިރު، ބަޖެޓުގެ ޑެފިސިޓްވަނީ 13.7 ބިލިއަން ރުފިޔާއިން 14.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 އިންސައްތައިން، 114.6 އިންސައްތައަށް އިތުރުވެގެންދާނެއެވެ. އަންނަ އަހަރަށް ކޮމެޓީން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެތެރޭގައި ހިލޭ އެހީގެގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ބަޖެޓުގައި ކަނޑައަޅާފައިވާ 49.8 ބިލިއަން ރުފިޔާގެތެރެއިން ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 47.6 ބިލިއަން ރުފިޔާއެވެ. ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ސަރުކާރު އޮފީސްތަކުގެ ބަޖެޓުގެ ގޮތުގައި 44 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.