އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް، އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ބައްލަވާލައްވައިފިއެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު މިއަދު ވަނީ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ އިސް މުވައްޒަފުންނާއި ބައްދަލުކުރައްވާ މަގުގެ މަސައްކަތްތައް ކުރިއަށްގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މެދުކެނޑުމަކަށްފަހު އަމީނީ މަގުގެ މަސައްކަތް ފެށީ މިމަހުގެ 9ވަނަ ދުވަހުއެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ މަހުގެ މަސައްކަތް މެދުކަނޑާލިއިރު މަސައްކަތް ނިމިފައި އޮތީ، އިއްޒުއްދީންމަގާއި ހަމައަށެވެ. އާރްޑީސީން އެ މަސައްކަތް ހުއްޓާލާފައި އޮތީ، ސަރުކާރު ބަދަލުވުމުގެ މަރުޚަލާގައި، ޕްލޭނިން މިނިސްޓްރީއިން އެގޮތަށް އެންގުމުންނެވެ. އޭރުވެސް މަގުގެ މަސައްކަތް ކުރިއަށްދިޔައީ ކަނޑައަޅާފައިވާ ތާރީޚަށްވުރެ ލަސްކޮށެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މިއަދު ވަނީ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގަންނަވާފައެވެ. pic.twitter.com/KjsMswdMpB
— Ministry of Construction and Infrastructure (@MoCImv) December 16, 2023
މިމަހުގެ 9ވަނަ ދުވަހު ފަށާފައިވަނީ، މަގުގައި މިހާރު ނުނިމި ބާކީ އޮތް ދެ ސެގްމަންޓްގެ މަސައްކަތް އެއްކޮށެވެ. އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ ނިޒާމުގެ ހޮޅީގެ ވިއުގައިގެ މަސައްކަތްކަމަށެވެ. މީގެއިތުރުން އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓުކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ވަނީ މަގުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވަން ވަޑައިގެންފައެވެ.
އިމާރާތްކުރުމަށް ބިނާރާބެހޭ ވުޒަރާއިން ވިދާޅުވީ، އަމީނީ މަގުގެ ސްކޯޕަށް އެއްވެސް އިތުރު ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި ނުނިމި އޮތް ސަރަޙައްދުގެ މަސައްކަތް ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އާރްޑީސީން ބުނީ، ސެގްމަންޓް 12 އަދި 13ގެ ލޭނުތައް ކުރީގެ ސެގްމަންޓްތަކަށްވުރެ ފުޅާވާނެކަމަށެވެ. މަގު ތަރައްޤީކުރަނީ 4 ލޭނަށެވެ.
އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތެއްވެސްމެއެވެ.
ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.