ޅ.ނައިފަރުގެ ފެން ޕްލާންޓަށް ދިމާވި މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނައިފަރަށް ފެނުގެ މައްސަލަ ދިމާވެފައިވަނީ، ފެން ޕްލާންޓުން ފެން އުފައްދާ މިންވަރަށްވުރެ ބޭނުންކުރެވޭ ފެނުގެ މިންވަރު އިތުރުވުމުގެ ސަބަބުންކަމަށެވެ. އަދި މި ގޮތަށް ދިމާވުމުގެ ސަބަބުން ބައެއް ވަޤުތުތަކުގައި މުޅި ރަށުން ވަޤުތީ ގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލަންޖެހޭ ޙާލަތްތައް ގިނައިން ދިމާވާކަން ފެނަކައިން ފާހަގަކުރެއެވެ. ނައިފަރުން ފެނުގެ ޚިދުމަތް ކެނޑުނީ ހޮނިހިރު ދުވަހުއެވެ. އަދި މި މައްސަލައަށް ވަޤުތީ ޙައްލެއް ވަނީ ހޯދައިދީފައެވެ. އަދި ދާޢިމީ ޙައްލެއް ގެނައުމަށް ވަޤުތު ނަގާނެކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ ނައިފަރުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައި ކަމަށެވެ. އަދި 2019 ވަނަ އަހަރު އެކި ސަބަބުތަކާ ހެދި މަޝްރޫޢު މެދުކަނޑާލުމަށްފަހު އަލުން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި މި މަސައްކަތް އެއްކޮށް ނިމުނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށް ފެނަކައިން ބުނެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމި ޚިދުމަތް ދިނުމާއި ދެމެދު ހޭދަވި މުއްދަތުގެ ތެރޭގައި ރަށުގެ އާބާދީ އިތުރުވުމާއި ގުޅިގެން ފެނުގެ ޑިމާންޑަށް ބޮޑު ބަދަލެއް އައުމާއެކު ފެން ބޭނުންކުރާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަމަށް ފެނަކައިން ބުނެއެވެ.
Noosbayaan: Lh. Naifaruge Fenuge hidhumai medhu kendumaai gulhey pic.twitter.com/AD8M6E4FTm
— Fenaka Corporation Ltd (@TeamFenaka) December 17, 2023
އެއާއެކު ރަށުގެ ފެން ޕްލާންޓުން އުފައްދާ މިންވަރަށްވުރެ ފެން ބޭނުންކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން ބައެއް ވަޤުތުތަކުގައި މުޅި ރަށުން ފެން ކަނޑާލަންޖެހޭ ޙާލަތްތައް ދަނީ ކުރިމަތިވަމުންނެވެ.
ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަންކަން ބައްޓަންކުރާނެކަމުގެ ޔަޤީންކަން އެކުންފުނިން ދެއެވެ.
ދާދިފަހުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވެސް ވަނީ ފެން ކެނޑިފައެވެ. ފެން ޕްލާންޓަކަށް ބޭނުންވާ ޑްރައިވެއް ހަލާކުވުމުގެ ސަބަބުން މުޅި ސިޓީން ފެން ކެނޑިގެން ދިޔައީ ބެކަޕް ޕްލޭނެއް ނެތުމުން ކަމަށް ފެނަކައިގެ އައު މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހެން ހުރި މައްސަލަތައް ބަލައި އޮޕަރޭޝަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.