ޚަބަރު

ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާ


  • ކުރިން އިންޑިއާ އޮތީ ލިސްޓުގެ 2ވަނައިގައި

  • މިދިޔަ އަހަރުތެރޭވެސް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމަކީ އިންޑިއާ

  • އެޤައުމުން އަހަރުގެ މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޤައުމުތަކުގެ ލިސްޓުގެ 1 ވަނައަށް އަނެއްކާވެސް އިންޑިއާ ޖެހިލައިފިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީވެސް އިންޑިއާއެވެ. ނަމަވެސް މިފަހުން އިންޑިއާ އޮތީ މި ލިސްޓުގެ 2 ވަނާގައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޤައުމުތަކުގެ ލިސްޓުގެ އެއްވަނައަށް އިންޑިއާ އެރުމުގެ ކުރިން މިއަހަރުގެ މިހާތަނަށް އެ ލިސްޓުގެ އެންމެ ކުރީގައި އުޅުނީ ރަޝިޔާއެވެ.

ރާއްޖެއަށް ފަތުުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވެފައިވާއިރު، މިދިޔަ ހޯމަ ދުވަހާއި ހަމައަށް އެ ޤައުމުން ރާއްޖެއަށް 205,278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި މުއްދަތުގައި ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 203,539 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

* އިންޑިއާ – 205،278 ފަތުރުވެރިން
* ރަޝިއާ – 203،539 ފަތުރުވެރިން
* ޗައިނާ – 185،761 ފަތުރުވެރިން
* އިނގިރޭސިވިލާތް – 152،284 ފަތުރުވެރިން
* ޖަރުމަންވިލާތް – 132،188 ފަތުރުވެރިން

މިއީ ރާއްޖެއަށް ފަތުރުވެރިކަމުގެ ޕީކް ސީސަނެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6036 ފަތުރުވެރިން އާދެއެވެ. ރާއްޖެއިން މިއަހަރަށް އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިދިޔަ ހަފްތާގެތެރޭގައި މިއަމާޒުވަނީ ހާސިލްކޮށްފައެވެ.

މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.6 މިލިއަން ފަތުރުވެރިންނާއި އަޅާ ބަލާއިރު 12.4 އިންސައްތަ އިތުރު އަދަދެކެވެ.