ޚަބަރު

މާލީ ވުޒާރާއިން އިސްލާމިކް ޓްރެޜަރީ ބޮންޑެއް ތައާރަފްކުރަނީ


  • އަމާޒަކީ މި ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން މި ބޮންޑު ތައާރަފްކުރުން

  • އިސްލާމިކް އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ފަހިވެގެންދާނެ

  • މިދިޔަ ހަފްތާތެރޭ ސަރުކާރުގެ ބޮންޑެއް، ސްޓޮކް އެކްސްޗޭންޖުގައި ވަނީ ލިސްޓުކޮށްފައި

އިސްލާމިކް ޓްރެޜަރީ ބޮންޑެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއް ލިސްޓުކުރުން، ފާހަގަކުރުމަށް މާލީ ވުޒާރާގައި ބޭއްވި ހަފްލާގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙަމައްދު ޝަފީޤު ވިދާޅުވިީ، އަމާޒަކީ މި ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން މި ބޮންޑު ތައާރަފްކުރުން ކަމަށެވެ.

" މުސްތަޤްބަލްގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން ކެޕިޓަލް މާރކެޓު ޑިވެލޮޕްކުރުމުގައި ސީ.އެމް.ޑީ.އޭ އާއި ގުޅިގެން އަދި ސްޓޮކް އެކްސްޗޭންޖާވެސް ގުޅިގެން މަސައްކަތްތަކެއް ކުރުމަށްޓަކައި، އެގޮތުން އުންމީދަކީ އިސްލާމިކް ޓީ ބޮންޑެއް މިއަހަރުގައި ތައާރަފްކުރުމަށް، އެ އަޒުމުގައި މަސައްކަތްކުރަމުން މިދަނީ،" މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ، ރާއްޖެއަކީ މުސްލިމް ޤައުމަކަށްވާއިރު، މި ޓީ- ބޮންޑާއެކު އިސްލާމިކް އިންވެސްޓްމަންޓުތަކުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ.

" ސަތޭކަ ޕަސަންޓު މުސްލިމް ޤައުމަކަށްވެފައި، އިސްލާމިކް އިންވެސްޓުމަންޓުތަކުގެ ފުރުސަތަކަށް ބަލަ ބަލާތިބި ބަޔަކުވެސް ތިބޭނެ، އެހެންވީމައި އެބޭފުޅުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށްވެގެންދާނެ،" މާލީ ވަޒީރު ވިދާޅުވިއެވެ.

އިސްލާމިކް ޓީ-ބޮންޑެއް އެއް ތައާރަފްކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރަމުންދާއިރު، މިދިޔަ ހަފްތާގެތެރޭގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ބޮންޑެއް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަނީ ލިސްޓުކޮށްފައެވެ. މާލީ ވުޒާރާގެ ފަރާތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވަނީ، 50 މިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެކެވެ.

ޓީ ބޮންޑަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ފައިސާ ހޯދުމަށް ބޭނުންކުރާ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގެ އިންޓްރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާއެވެ.