އަމީނީ މަގުގެ މިހާރު ތަރައްގީކުރަމުން އަންނަ ސަރަޙައްދުގެ މަސައްކަތް، ވިއްސާރައާއި ގުޅިގެން މަޑުޖައްސާލާފައި އޮތުމަށްފަހު އަލުން ފަށާފައި ވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވޮލޮޕްމެންޓް ކޯޕްރޭޝަން އާރްޑީސީއިން ބުނެފިއެވެ.
އާރް.ޑީ.ސީއިން ވަނީ އާދިއްތަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އަމީނީމަގުގެ މަސައްކަތްތައް މަޑުޖައްސާލާފައެވެ. އަދި އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަޙައްދަކަށް ނުވުމުން، އެ ސަރަހައްދަށް ނުވަނުމަށްވެސް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގައުތައް ޖެހުން ފަދަ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔިަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ސަރުކާރު ބަދަލުވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ ޢިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާ
ވީ ސަރަޙައްދެވެ.
މޫސުންތަންދޭނަމަ ގާތްގަނޑަކަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލެވޭނެކަމަށް އާރްޑީސީއިން ބުނެއެވެ.