ޚަބަރު

ޔަހޫދީންގެ ރަށްތަކަށް ޙިޒްބުﷲގެ މިސައިލްތައް އޮއްސާލައިފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޞާލިޙް އަލްޢަރޫރީ ޝަހީދުކޮށްލުމުން ޔަހޫދީންގެ ރަށްތަކަށް ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. އެ ޖަމާޢަތުން ބުނީ އެއީ ޢަރޫރީގެ މަރުގެ ބަދަލުހިފުމުގެ ފެށުމެއް ކަމަށެވެ.

ޔަހޫދީންގެ ވައިގެ ޙަމަލާއެއްގައި ޢަރޫރީ ޝަހީދުކޮށްލާފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައެވެ. އެއީ ޙިޒްބުﷲގެ ބާރުގަދަ ސަރަޙައްދެކެވެ. އެ ޖަމާޢަތުން ވަނީ އެ ޙަމަލާއާ ދެކޮޅަށް ފިޔަވަޅު ނާޅާ ދޫކޮށްލެވެން ކަމަށެވެ. އެ ގޮތުން ޙިޒްބުﷲގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ ވިދާޅުވެފައިވަނީ ޢަރޫރީގެ މަރުގެ ބަދަލުނުހިފައި ދޫކޮށްލައިފިނަމަ ޔަހޫދީންގެ އިތުރު ޙަމަލާތަކަކާ ލުބުނާނުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ޙިޒްބުﷲން ބުނެފައިވަނީ 60އަށްވުރެ ގިނަ މިސައިލް ޙަމަލާ ޔަހޫދީންގެ ރަށްތަކަށް ދީފައިވާނެ ކަމަށެވެ. ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ލުބުނާނުގެ ސަރަޙައްދީ ރޮނގުގެ އެއްކޮޅުން އަނެއް ކޮޅަށް މިސައިލް ސައިރިން އަޅައި އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް އަންގައިފައެވެ. ޔަހޫދީން ބުނީ ޙިޒްބުﷲގެ ވަރުގަދަ ޙަމަލާއެއް ދިފާޢުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އެ ޙަމަލާގެ އިތުރު ތަފްޞީލެއް ޔަހޫދީންނެއް ނުދެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ޙިޒްބުﷲ ޖަމާޢަތުގެ އިތުރުން ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވެސް ޔަހޫދީންނާ ދެކޮޅަށް ދަނީ ޙަމަލާ ދެމުންނެވެ. އަދި ޢިރާޤާއި ސޫރިޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަނގުރާމަވެރިން ވަނީ ޑޮރޯނާއި މިސައިލުން ޙަމަލާ ދީފައެވެ.