ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ވޯޓުލާން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ވޯޓުލާ މަރުކަޒުތަކާއި ރޭލެއްގައި ހުޅުޖަހައި، ހަތަރު މީހުން މަރައިލައިފިއެވެ. ބަންގްލަދޭޝްގެ ޢާންމު އިންތިޚާބުގެ ވޯޓުލުން އޮންނާނީ ޖަނަވަރީ 7 ވަނަ ދުވަހުއެވެ. އިންތިޚާބާ ގުޅިގެން ހިންގާފައިވާ ހުޅުޖެހުމުގެ ޢަމަލުތަކެއްގައި ހަތަރު މީހުން މަރުވެފައި ވަނީ ރޭލެއްގައި ހުޅުޖެހުމުންނެވެ.
ހުޅުޖަހާފައި ވަނީ ވެރިރަށް ދާކާއަށް ދަތުރު ކުރަމުން ދިޔަ ބޭނާޕޯލް އެކްސްޕްރެސްގެ ރޭލެއްގައެވެ. މި ހާދިސާގައި އަށް މީހަކު ފިހިފައިވާއިރު، މަރުވި ހަތަރު މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. އަދި، މިއީ ޑިމޮކްރެޓިކް ނިޒާމާ ދެކޮޅު ބަޔަކު ދީފައިވާ ނުރައްކާތެރި ޙަމަލައެއްގެ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ސިފަ ކުރެއެވެ. ރޭލުގައި އަލިފާން ރޯވީ ބަޔަކު ގަސްތުގައި ހުޅުޖެހުމުގެ ސަބަބުން ކަން ތަހުޤީޤަށް ވަނީ ހާމަވެފައެވެ.
"މިއީ އިންތިޚާބުގެ ވޯޓުލުމުގެ އެއް ދުވަސް ކުރިން ދީފައިވާ ޙަމަލައެއް. މިއީ، ވޯޓުލުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް. އަދި، ބަންގްލަދޭޝްގެ ސަލާމަތާއި ހަމަޖެހުން ނަގައިލަން ހިންގާފައިވާ ނުރައްކާތެރި ކުށެއް،" ޚާރިޖީ ވަޒީރު އޭ. ކޭ. ޢަބްދުލް މޮމެން ވިދާޅުވިއެވެ. ރޭލުގައި ހުޅުޖަހައި ހަތަރު މީހުން މަރައިލާފައި މި ވަނީ، އިންތިޚާބު ބޮއިކޮޓު ކުރަން މައި އިދިކޮޅު ޕާޓީ ކަމުގައިވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ. އެ ޕާޓީން ވަނީ މަދަނީ ބަސްނޭހުމެއް ފެށުމަށް ވެސް ޕާޓީގެ މެންބަރުންނަށް ގޮވައިލާފައެވެ.
ރޭލުގައި ހުޅުޖެހުމުން ފިހުނު އަށް މީހުންގެ ތެރޭގައި ކުޑަ ދެ ކުދިން ހިމެނެއެވެ. އެ ކުދިންގެ ނޭވާލާ ހޮޅި ފިހިފައިވާ ކަމަށާއި، އެ ކުދިންގެ ހާލު ސީރިޔަސް ކަމުގައި އެ ކުދިން ފަރުވާ ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޑރ. ޝަމަންތާ ލާލް ޝޭން ވިދާޅުވިއެވެ.
ބީއެންޕީން ބުނާ ގޮތުގައި ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީގުން އިންތިޚާބެއް ބާއްވަން މަސައްކަތް ކުރަމުން ދަނީ ނަމެއްގައެވެ. އަދި، މިއީ ވޯޓުގެ ނަތީޖާ އޮޅުވައިލައިގެން ހަތަރު ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރުމަށް އަވާމީ ލީގުން ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް ބީއެންޕީން ތުހުމަތު ކުރެއެވެ. ބީއެންޕީން ވަނީ އިސްތިޢުފާ ދިނުމަށް ވެސް ހަސީނާއަށް ގޮވައިލާފައެވެ. ނަމަވެސް، އޭނާ ވަނީ އެ ކަމަށް ދެކޮޅު ހައްދަވާފައެވެ.
170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާއިރު، މި އިންތިޚާބުގައި 2,000 އެއްހާ ކެނޑިޑޭޓުން ވާދަ ކުރެއެވެ. ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑިއަށް ވާދަކުރާ މި އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 5 އިންސައްތައަކީ އަންހެނުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު 120 މިލިޔަނަށް އަރާ ކަމުގައި އެ ޤައުމުގެ އިންތިޚާބީ އިދާރާއިން ހާމަކުރެއެވެ. އޭގެ ތެރެއިން 15 މިލިޔަނަކީ އަލަށް ވޯޓުލާ މީހުންނެވެ.