ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކާއި އެހެން ސަރަޙައްދުތަކުގައި މެކްޑޮނަލްޑްސުން ހިންގާ ވިޔަފާރިތަކަށް ލޮޅުންއަރައި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގައި އެ ކުންފުނީގެ ސީއީއޯ ކްރިސް ކެމްޕްޒިންސްކީ އެއްބަސްވެވަޑައިގެންފިއެވެ. މެކްޑޮނަލްޑްސްއަކީ ދުނިޔޭގެ އެންމެ ނަން ހިނގާ، އެންމެ ބޮޑެތި ފާސްޓް ފުޑް ރެސްޓޯރެންޓްތަކުގެ ތެރޭގައި ހިމެނޭ ފްރެންޗައިސެކެވެ.
މެކްޑޮނަލްޑްސްގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަން ކެމްޕްޒިންސްކީ ވިދާޅުވެފައި ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހުޅަނގުގެ މި ފަދަ ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. މެކްޑޮނަލްޑްސްގެ އިތުރުން މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އަނެއް ކުންފުންޏަކީ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސްއެވެ.
މި ކުންފުނިތަކަށް މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވަނީ، އެ ކުންފުނިތަކުން ޔަހޫދީންނަށް ތާޢީދު ކުރާތީއެވެ. އަދި، އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ ޔަހޫދީންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކެއް ކަމުގައި ތުހުމަތު ކުރެވޭތީއެވެ. މިއީ ހަޤީޤަތްތަކެއް އެކުލެވިގެންވާ ތުހުމަތުތަކެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މީގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކުންފުނިތަކުގެ ތެރޭގައި މެކްޑޮނަލްޑްސްއާއި ސްޓާބަކްސް ފާހަގަ ކޮށްލެވެއެވެ. އެ ދެ ކުންފުންޏަކީ ޔަހޫދީން ފަހަތުގައި ތިބެ، ފަންޑު ކުރަން އުފައްދާފައިވާ ކުންފުނިތަކެއްގެ ގޮތުގައި ބެލެވެއެވެ. މި ކަމަށް ބާރުދޭ ހެކިތައް ވެސް ގިނައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ފެށުމުން މެކްޑޮނަލްޑްސުން ވަނީ ޔަހޫދީ ސިފައިންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންދާކަން ސޯޝަލް މީޑިޔާގައި އިޢުލާނު ކޮށްފައެވެ. މި ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް އެ ކުންފުންޏަށް އަމާޒުވިއެވެ.
މެކްޑޮނަލްޑްސުން ޔަހޫދީންނަށް ތާޢީދުކޮށް، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު، އެ ކުންފުނިން ވިޔަފާރިކުރުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށާފައެވެ. އަދި، މި ކެމްޕޭނަށް ތާޢީދުކޮށް، އެތަކެއް މިލިޔަން މީހުން ވަނީ އެ ކުންފުނީގެ ރެސްޓޯރެންޓްތަކުން ޚިދުމަތްތައް ހޯދުން ހުއްޓައިލާފައެވެ. ނަމަވެސް، ކެމްޕިންޒްސްކީ ބުނީ އޭނާގެ ކުންފުންޏާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމުގައެވެ. އަދި، މި ތުހުމަތުތަކާ މެދު ހިތާމަ ކުރާ ކަމުގައެވެ.
މެކްޑޮނަލްޑްސްގެ އެތަކެއް ހާސް ރެސްޓޯރެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޢަރަބި ޤައުުމުތަކާއި މުސްލިމް ޤައުމުތައް ވެސް ހިމެނެއެވެ. ކެމްޕްޒިންސްކީ ބުނީ، އެ ކުންފުނީގެ ކޮންމެ ރެސްޓޯރެންޓަކުން ވެސް މަސައްކަތް ކުރަމުން ދަނީ، އެ ރެސްޓޯރެންޓެއް ހުރި ޤައުމެއްގެ މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ކަމުގައެވެ. އަދި، އެތަކެއް ހާސް މީހުންނަށް ވަޒީފާތައް ފޯރުކޮށްދިނުމަށް ކަމުގައެވެ.
ޔަހޫދީ ސިފައިންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމުގައި މެކްޑޮނަލްޑްސުން އިޢުލާނު ކޮށްފައި ވަނީ އޮކްޓޫބަރު މަހު ޔަހޫދީންގެ ޢުދުވާންތައް ފެށި ފަހުންނެވެ. މި ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢަރަބި އަދި މުސްލިމް ޤައުމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ޢަރަބި ޤައުމުތަކާއި މުސްލިމް ޤައުމުތަކުގައި ހިންގާ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓުތަކުން ވެސް ވަނީ މި ކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.
މި ކަމުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައި ވަނީ މިޞްރާއި އުރުދުން ފަދަ ޢަރަބި ޤައުމުތަކުގައި ހިންގާ މެކްޑޮނަލްޑްސްގެ ވިޔަފާރިތަކަށެވެ. ނަމަވެސް، ބޮއިކޮޓް ކެމްޕޭން ފުޅާވެ، މެލޭޝިޔާގައި ހިންގާ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓުތަކުން ވެސް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަން ހާމަކޮށްފައެވެ.
2022 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލައިލާއިރު، ދުނިޔޭގެ 100 ޤައުމެއްގައި މެކްޑޮނަލްޑްސްއިން ދަނީ 40,275 ރެސްޓޯރެންޓް ހިންގަމުންނެވެ. އެ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 23.18 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމުގައި ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް، ބޮއިކޮޓާ ގުޅިގެން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ހިއްސާގެ ބާޒާރުގައި ވެސް އެ ކުންފުނީގެ ހިއްސާގެ އަގުތަކަށް ވަނީ ކޮންމެ ވެސް ވަރެއްގެ ލޮޅުންތަކެއް އަރާފައެވެ.