ހަލުވިކަމާ އެކު ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމުން އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ހަސްފަތާލުތަކުގައި މާސްކު އެޅުން މަޖުބޫރު ކޮށްފިއެވެ. އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19ގެ އިތުރުން ޢާންމު ރޯގާއާއި ނޭވާލާ ނިޒާމުގެ ބަލިތައް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގައެވެ.
ނޭވާލާ ނިޒާމަށް އަސަރު ކުރާ ބަލިތައް ޢާންމުވުމުން މާސްކު އެޅުން މަޖުބޫރު ކޮށްފައި ވަނީ އެމެރިކާގެ ހަތަރު ސްޓޭޓެއް ކަމުގައިވާ ނިއު ޔޯކާއި ކެލިފޯނިޔާއާއި އިލިނޯއިއާއި މެސެޗުސެޓްސްގެ ހަސްފަތާލުތަކުގައެވެ. އެ ސްޓޭޓްތަކުގެ ހަސްފަތާލުތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި މުވައްޒަފުންގެ އިތުރުން އެ ތަންތަނުން ފަރުވާ ހޯދާ ބަލިމީހުން ވެސް މާސްކު އަޅަން މަޖުބޫރު ކޮށްފައިވެއެވެ.
ނިއު ޔޯކްގެ ޞިއްޙަތާ ބެހޭ އެންމެ އިސް އޮފިޝަލް ޑރ އަޝްވިން ވަސަން ވިދާޅުވީ އެ ރަށުގައިވާ 11 ޕަބްލިކް ހޮސްޕިޓަލްގެ އިތުރުން 30 ޞިއްޙީ މަރުކަޒާއި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމަށް ގާއިމު ކޮށްފައިވާ ފަސް މަރުކަޒެއްގައި މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާ ކަމުގައެވެ.
"ބަލިތައް އާންމުވެފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ ޚިދުމަތްތެރިންނަށް ވެސް ބަލީގެ އަސަރުކޮށް، ޚިދުމަތްދޭން ތިބި މީހުންގެ ޢަދަދު މަދުވާނެ. އަޅުގަނޑުމެންގެ އަމާޒަކީ އެ ގޮތަށް ކަން ވިޔަ ނުދިނުން. 2022 ވަނަ އަހަރު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ފެތުރެމުން ފެށުމާ އެކު ވެސް، ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ބަލި ޖެހި، ޚިދުމަތުން ދުރަށް ޖެހެން މަޖުބޫރުވި،" ޑރ އަޝްވިން ވިދާޅުވިއެވެ.
އެމެރިިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ޢާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހާ ދެމެދު އެކަނިވެސް 29,000 މީހުންނަށް ކޮވިޑް ޖެހިގެން ހަސްފަތާލުތަކުގައި އެޑްމިޓު ކުރަން ޖެހުނެވެ. އެއީ، އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު 16 އިންސައްތަ އިތުރު ޢަދަދެކެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި އާންމު ރޯގާގެ 14,700 ކޭސްއަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހުނު ކަމުގައި ސީޑީސީން ބުނެއެވެ.
ކޮވިޑް-19ގައި އެމެރިކާގައި މަރުވެފައިވާ މީހުންގެ ޢަދަދު 1.1 މިލިޔަނަށް އަރައެވެ. ނަމަވެސް، ވެކްސިން ޖެހުމާއި ކޮވިޑަށް ޓެސްޓު ކުރުމަކީ މަޖުބޫރު ކަމަށް ހަދަން ރައީސް ޖޯ ބައިޑަން ކުރެއްވި މަސައްކަތްތައް އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯދާ ވަގުތު މާސްކު އެޅުން މަޖުބޫރު ކުރުވަން އުޅުމުން ކޯޓުން ވަނީ އެ ކަން ވެސް ހުއްޓުވާފައެވެ.