ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅޭ ކޭންޕެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައި ގިނަ ބައެއްގެ ގެދޮރު ގެއްލިއްޖެއެވެ.
އަލިފާނުގެ ޙާދިޘާގައި 800 ޖިފުޓިއަށް ގެއްލުންވެ ގާތްގަޑަކަށް 7،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުނެއެވެ. ޢާންމުންގެ ގެދޮރާއި މިސްކިތްތަކާއި ސިއްޙީ ފަރުވާދޭ މަރުކަޒުތައް ހިމެނޭހެން 120 ތަނަކަށް ގެއްލުން ލިބިފައިވެއެވެ.
އަލިފާނުގެ ޙާދިޘާގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި ވަޤުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ބުނެފައެވެ. އަލިފާނުގެ ޙާދިޘާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އެ ޙާދިޘާގެ ތަޙްޤީގެއް ކަމާ ބެހޭ ފަރާތްތަކުން ކުރާނެ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފައެވެ.
ރޮހިންޔާ ނަޞްލުގެ މީހުންނަކީ މިޔަންމާގެ ރާކައިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމް ދަރިކޮޅަކަށް ނިސްބަތްވާ ބައެކެވެ. އެ ދަރިކޮޅުގެ މިލިޔަނަކަށްވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައި ވަނީ މިޔަންމާގެ އަސްކަރީ ސަރުކާރުން އެމީހުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެކަމުން ސަލާމަތްވުމަށް 2017 ވަނަ އަހަރުއެވެ. އެ މީހުން މިހާރު ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ޤާއިމުކޮށްފައިވާ ވަޤުތީ ކޭމްޕްތަކުގައެވެ. އެ ކޭމްޕުތަކުގައި ގެދޮރު އަޅާފައި ހުންނަނީ އޮނާއި ޕްލާސްޓިކް ބޭނުންކޮށްގެން ކަމުން އަލިފާނުގެ ޙާދިޘާއެއް ހިނގައިފިނަމަ، ވަރަށް ފަސޭހައިން އަލިފާންގަނޑު ފެތުރިގެންދެއެވެ.
އެ ގޮތުން 2021 ވަނަ އަހަރު އެ ކޭމްޕުތަކުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވެ 10،000 މީހުންގެ ގެދޮރު ގެއްލުނެވެ. އަދި މިދިޔަ އަހަރު ހިނގި އަލިފާނުގެ ޙާދީޘާއެއްގައި 2،800 ގެއަކަށް ގެއްލުންވެ، 12،000 މީހުންގެ ގެދޮރު ގެއްލުނެވެ. ހަސްފަތާލުތަކާއި އުނގަންނައިދޭ ތަންތަން ހިމެނޭހެން ޚިދުމަތްދޭ 90 ތަނެއް ވަނީ އަނދައިފައެވެ.