ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި ޤަޠަރުގެ ނޫހެއް ކަމަށްވާ އަލްޖަޒީރާގެ ޣައްޒާ ބިއުރޯގެ އިސްވެރިޔާ ވާއިލް ދާހޫދުގެ ދޮށީ ފިރިހެން ދަރިފުޅު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙް ސިޓީއަށް ދިން ވައިގެ ޙަމަލާއެއްގައި ޝަހީދުކޮށްލައިފައި ވަނީ ވާއިލުގެ ދަރިފުޅު ހަމްޒާ ދާހޫދެވެ. އުމުރުން 27 އަހަރުގެ ހަމްޒާއަކީ ވެސް އޭނާގެ ބައްޕަ ފަދައިން ނޫސްވެރިއެކެވެ. ހަމްޒާއާއެކު އިތުރު ނޫސްވެރިއެއް ކަމަށްވާ މުސްޠަފާ ޝޫރްޔާ ޝަހީދުކޮށްލީ ރަފަޙް ސިޓީގައި އެ މީހުން ދަތުރުކުރަމުންދިޔަ ކާރަށް ޔަހޫދީންގެ ޙަމަލާއެއް އަމާޒުވުމުންނެވެ.
ހަމްޒާއަކީ ވާއިލުގެ އާއިލާއިން ޔަހޫދީން ޝަހީދުކޮށްލި ފަސް ވަނަ މެމްބަރެވެ. މިދިޔަ އޮކްޓޫބަރު މަހު ޣައްޒާގެ ނުޞައިރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ޙަމަލާއެއްގައި ވާއިލުގެ އަންހެނުންނާއި އަންހެން ދަރިފުޅަކާއި ފިރިހެން ދަރިފުޅެއް އަދި ކާފަ ދަރިފުޅަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ހަމްޒާގެ ވަކިވުމާ ގުޅިގެން ވާއިލު ބުނީ ހަމްޒާއަކީ އޭނާގެ ފުރާނަ ކަމަށެވެ. އަދި ލޮލުން އަންނަ ކަރުނައަކީ ހަމްޒާގެ ވަކިވުމުން އެ ކަމުގެ ހިތާމައިގައި އަންނަ ކަރުނަ ކަމަށް ވެސް ވާއިލު ބުންޏެވެ. ވާއިލުގެ ދަރިފުޅުގެ ވަކިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަޢުޒިޔާ ކިޔަމުންނެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 102 ނޫސްވެރިން ވަނީ ޝަހީދުކޮށްލައިފައެވެ.