ސީރިއާގެ ޤައުމީ ޓީމްގެ ކޯޗަކަށް ވުމަށް މޮރީނިއޯއަށް ދިން ދަޢުވަތު އޭނާ ޤަބޫލްނުކޮށް ދޫކޮށްލައިފިއެވެ.
ޗެލްސީގެ ކޯޗްކަމުން ވަކިކުރި މޮރީނިއޯއަށް ސީރިއާގެ އެފްއޭއިން ވަނީ ރަސްމީކޮށް ސިޓީ ފޮނުވާފައެވެ. މޮރީނިއޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނީ ސީރިއާއިން ލިބުނު ދަޢުވަތު ޤަބޫލްނުކޮށް މޮރީނިއޯ ދޫކޮށްލީ މިއަހަރު އެއްވެސް ޓީމަކާ ހަވާލުވާން ބޭނުން ނުވާތީ ކަމަށެވެ. އަދި ސީރިއާގެ ހުށަހެޅުމަށް މޮރީނިއޯ އިހްތިރާމްކުރާ ކަމަށްވެސް ޖޯޖް މެންޑޭޒް ބުންޏެވެ.
ވަރލްޑްކަޕަށް ކޮލިފައިވުމަށް މަސައްކަތްކުރާ ސީރިއާ އިން ވަނީ އެޓީމް ނެރުނު ދަށްނަތީޖާ ތަކުގެ ސަބަބުން ކޯޗް ފަޖްރު އިބްރާހިމް މަޤާމުން ވަކިކޮށްފައެވެ. ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަޖކުގެ ސަބަބުން ސީރިއާގެ ޤައުމީ ޓީމްގެ މެޗްތަށް މިހާރު ކުޅެނީ އޮމާންގައެވެ.
ޗެލްސީގެ ކޯޗް ކަމުން ވަކިކުރި ޕޯޗްގަލްގެ ޚޯޒޭ މޮރީނިއޯއަކީ މީގެ ކުރިން ޕޯތޯ، ރެއާލްމެޑްރިޑް އަދި އިންޓަރމިލާނަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދަދީފައިވާ ކޯޗެކެވެ. ރިޕޯޓްތަށް ބުނާ ގޮތުން މޮރީނިއޯ ތައްޔާރުވަމުންދަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ވަޒީފާއަށެވެ. ވެން ހާލްގެ ބަދަލުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ކަމަށް ހަމަޖެއްސުން އެންމެ ގާތީ މޮރީނިއޯ ކަމަށް ބެލެވެއެވެ.