ޔަހޫދީ ޒަޔަނިސްޓުންގެ ފައުޖުން ލުބްނާނަށް އަނެއްކާ ވެސް ޙަމަލަތަކެއްދީ އެ ޤައުމުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙިޒްބުالله ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފިއެވެ. ލުބްނާނުގެ ސަލާމަތީ މަސްދަރުތަކުން ބުނީ ޔަހޫދީންގެ ޙަމަލަތަކުގައި ޝަހީދު ކޮށްލާފައި ވަނީ ޙިޒްބުاللهގެ ރަޟްވާން ލަޝްކަރުގެ ކޮމާންޑަރުގެ ނައިބު ވަސާލް ޠަވީލް ކަމުގައެވެ.
ޔަހޫދީންގެ ޙަމަލަ އަމާޒު ކޮށްފައި ވަނީ ލުބްނާނުގެ ދެކުނުގައި އޮންނަ އަވަށެއް ކަމުގައިވާ މަޖްދަލް ސަލަމްގައި އޭނާ ދަތުރު ކުރަމުންދިޔަ ކާރަށެވެ. އެ ޙަމަލާގައި އޭނާއާ އެކު ކާރުގައި ދަތުރުކުރި ޙިޒްބުاللهގެ އިތުރު މީހެއް ވެސް ޝަހީދުވެފައިވެއެވެ. ޠަވީލް ޝަހީދު ކޮށްލުމުން ޙިޒްބުاللهން ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލަތައް އިތުރު ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ދާދި ފަހުން ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ރަޙުމު ކުޑަ ޙަމަލައެއްދީ ޙަމާސް ޖަމާޢަތުގެ އިސްވެރިޔާގެ ނައިބެއް ކަމުގައިވާ ޞާލިޙް އަލް-ޢާރޫރީ ވެސް ޝަހީދުކޮށްލާފައެވެ. އެ ޙަމަލައާ ގުޅިގެން ޙިޒްބުاللهގެ އިސްވެރިޔާ ޙަސަން ނަޞްރުالله ވަނީ ލުބްނާނާ ދެކޮޅަށް ދެމުންދާ ޙަމަަލަތައް ހުއްޓައިލަން ޔަހޫދީންނަށް ގޮވައިލައްވާ އިންޒާރުދެއްވައިފައެވެ.
"ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފަަށަށް ބޭނުންވާ ބަޔަކަށް ބުނަން އޮތީ އެންމެ ބަހެއް. އެއީ އެ ބަޔަކު ހިތާމަކުރާނެ ނިންމުމަކަށް ވާނެކަން،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން ނަޞްރުالله ވިދާޅުވިއެވެ.
ޢާރޫރީ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިިފުމުގެ ގޮތުން ޙިޒްބުاللهން މިހާރު ވެސް ދަނީ ޔަހޫދީންގެ ރަށްތަކާއި އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލަތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުގެ މެދުގައި ބަދަލު ކުރަމުންދާ ޙަމަލަތަކުގައި ޙިޒްބުاللهގެ 130 މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު މަރައިލާ ގިނަ ޢަދަދެއްގެ ހަތިޔާރާއި އަސްކަރީ އާލާތްތަކަށް ގެއްލުން ދީފައެވެ.