ޢިރާޤުގައި ޙަރަކާތްތެރިވާ ގުޅިފައިވާ ލަޝްކަރުގެ ސިފައިން އެ ޤައުމުން ބޭލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން އެ ގޮތަށް ބުނެފައި ވަނީ ޢިރާޤުގައި ޙަރަކާތްތެރިވާ ގުޅިފައިވާ ލަޝްކަރުގެ ސިފައިން ބޭލުމަށް ޢިރާޤުގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އެ ޤައުމުގެ ރައީސް މުޙައްމަދު ޝިޔާޢު އަލް ސުދާނީ ހާމަކުރައްވައިފައިވަނިކޮށެވެ.
"މިވަގުތަށް އެއްވެސް ކަމެއް ރާވައިފައިވާ ކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތް. އަޅުގަނޑުމެން މިދަނީ އައިއެސް ބަލިކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން." އެމެރިކާގެ ވައިގެ ސިފައިންގެ އިސްވެރިޔާ މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ. އަދި އެމެރިކާ ސިފައިން ޢިރާޤުގައި ހަރަކާތްތެރިވަނީ އެ ޤައުމުން އެދިގެން ކަމަށް ވެސް ރައިޑަރ ވިދާޅުވިއެވެ. އެމެރިކާ ސިފައިން ޢިރާޤުން ބާލަން ނިންމުމާ ގުޅޭ ގޮތުން ޢިރާޤުން އެމެރިކާގެ އަސްކަރިއްޔާއަށް އެއްވެސް އެއްޗެއް އަންގައިފައިނުވާ ކަމަށް ވެސް ރައިޑަރ ވިދާޅުވިއެވެ.
ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން އެ ޤައުމުން ބޭލުމަށް ތައްޔާރުވަމުންދާ ކަމަށް ސުދާނީ ވިދާޅުވެފައި ވަނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ސުދާނީ އެ ކަން ހާމަ ކުރައްވާފައި ވަނީ އެމެރިކާއިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ޑްރޯން ޙަމަލައެއް ދީފައިވަނިކޮށެވެ. އެމެރިކާގެ އެ ޙަމަލައާ ގުޅިގެން އެ ޤައުމުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމަށް ގޮވައިލާ ސަރުކާރަށް ބާރުއަޅަން ފަށައިފައެވެ. އެއާއެކު ބައިނަލްއަޤުވާމީ ލަޝްކަރުން ޢިރާޤުގައި ހިންގާ އަސްކަރީ ޙަރަކާތަށް ދާޢިމީ ނިމުމެއް ގެނައުމުގެ ގޮތުން އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޢިރާޤުން ހާމަކުރިއެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ހަނގުރާމަ ފެށި ފަހުން ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށް ގާތްގަޑަކަށް 100 އެއްހާ ޙަމަލާ ދީފައިވެއެވެ.
ޢީރާނާ ގުޅިފައިވާ ހަތިޔާރުއެޅި ޖަމާޢަތަކުން ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހެއްގެ ހާލު ސީރިއަސްވެ، ދެ މީހުން ޒަޚަމްވުމުން ބަދަލު ހިފުމުގެ ގޮތުން ޑިސެމްބަރު މަހު އެމެރިކާއިން ވެސް ވަނީ ޢިރާޤުގައި ޙަމަލާތަކެއް ދީފައެވެ.
އައިއެސްއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޢިރާޤުގައި އެމެރިކާގެ 2,500 ސިފައިން ހަރަކާތްތެރިވެއެވެ. އަދި ސޫރިޔާގައި ވެސް އެމެރިކާގެ 900 އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްއާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ 2014 ވަނަ އަހަރު އެ ޖަމާޢަތުން ޢިރާޤާއި ސޫރިޔާގެ ބިންތަކަށް އަތްގަދަ ކުރުމުންނެވެ.