ޚަބަރު

ޕާކިސްތާނުގެ އިންތިޙާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ނަވާޒް ޝަރީފަށް ލިބިއްޖެ


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެ ޤައުމުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. އެ ފުރުޞަތު ޝަރީފަށް ލިބުނީ ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރުން މުޅި ޢުމުރަށް މަނާކޮށްފައި އޮތް އޮތުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އުވައިލުމުންނެވެ.

ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައިވާ ގޮތުން ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަނުކުރެވޭ ކަމަށް ނިންމައިފައި އޮތް ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެކެވެ. އަދި މުޅި ޢުމުރަށް އިންތިޚާބުތަކުގައި ވާދަނުކުރޭވެގޮތަށް ނުބޭއްވޭނެ ކަމަށާއި އިންތިޙާބުތަކުގައި ވާދަކުރުމާއި ވޯޓު ދިނުމަކީ ފަރުދީ އަސާސީ ޙައްޤެއް ކަމަށް ވެސް އެ ޙުކުމުގައިވެއެވެ.

އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާނަށް އޮތީ ގެއްލިފައެވެ. އެއާއެކު އެ އިންތިޚާބު ކާމިޔާބު ވުމުގެ ފުރުޞަތު ދެން އެންމެ ބޮޑީ މީގެ ކުރިން ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފަށެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ޙުކުމް ކޮށްފައި ވަނީ އޭނާގެ ދަރިކަލުންގެ ނަމުގައި ހިންގި ކުންފުންޏަކުން ލިބުނު އާމްދަނީ ހާމަކުރައްވާފައި ނުވާތީއެވެ. ޙުކުމް ތަންފީޒު ކުރުމަށް އެތައް ދުވަހަކު ޖަލުގައި ހުންނެވުމަށް ފަހު ޤައުމުން ބޭރުގައި އުޅުއްވުމަށް އެއްބަސްވެ ވަޑައިގަތުމުން ޖަލުން މިނިވަންކޮށް 2019 ވަނަ އަހަރު އިނގިރޭސި ވިލާތަށް ފޮނުވިއެވެ.

އުމުރުފުޅުން 74 އަހަރުގެ ނަވާޒް ޝަރީފަށް އިންތިޚާބުތަކުގައި ވާދަކުރެއްވުމުގެ ފުރުޞަތު މިހާ ހިސާބަށް ނުލިބި އޮތީ ސުޕްރީމް ކޯޓުން އޭރު ކުރި ޙުކުމުގެ ސަބަބުންނެވެ. ފެބުރުއަރީ މަހު ބާއްވާ ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް ނަވާޒް ޝަރީފުގެ ކެނޑިޑެސީ ބަލައިގަތުމަށް ޕާކިސްތާނުގެ އިންތިޚާބާ ބެހޭ އިދާރާއިން އޮތީ ނިންމައިފައެވެ.