ޔަހޫދީ ފައުޖުން ސޫރިޔާއަށް ވަރުގަދަ ޙަމަލަތަކެއް ދޭން ފަށައިފިއެވެ. އެ ޙަމަލަތައް އަމާޒު ކުރަމުން ދަނީ އީރާނާ ގުޅުން ގޮތް ޖަމާޢަތްތަކުގެ އެއްގަމު އުޅަނދުފަހަރާއި ޢިމާރާތްތަކަށެވެ. ސޫރިޔާގެ ސަލާމަތީ މަސްދަރުތަކުން ބުނީ ޔަހޫދީންގެ ޙަމަލަތަކުގެ ބޭނުމަކީ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދޭން އީރާނުން ހިންގަމުންދާ ޙަރަކާތްތައް ރޫޅައިލުން ކަމުގައެވެ.
ސޫރިޔާގެ އަސްކަރިއްޔާގެ މަސްދަތުރަކުން ބުނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ޢުދުވާނުގެ އުކުޅުތައް ބަދަލު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމުގައެވެ. ޔަހޫދީން ސޫރިޔާގެ އަމާޒުތަކަށް ޙަމަލަދެމުން ދަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ލުބްނާނުގައި ޙަރަކާތްތެރިވާ ޙިޒްބުاللهން ހަތިޔާރު ހޯދާ މަގުތައް ބަންދު ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.
މީގެ ކުރިން ވެސް ޔަހޫދީން ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އަމާޒުކޮށް ޙަމަލަތަކެއް ދީފައެވެ. ނަމަވެސް ގިނަ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ޙިޒްބުاللهގެ ހަނގުރާމަވެރިންނަށް ކަމުގައި މަސްދަރުތަކުން ބުނެއެވެ.
"މީގެ ކުރިން ޙަމަލަތައް ދިނުމުގެ ކުރިން ޔަހޫދީ ފައުޖުން އިންޒާރުގެ ޙަމަލަތަކެއްދޭ. ނަމަވެސް، މިހާރުގެ ޙަމަލަތަކުގެ އަމާޒަކީ ވީހާ ވެސް ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ނަގައިލުން. މިހާރު ދެނީ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލަތަކެއް،" ސޫރިޔާގެ އަސްކަރިއްޔާގެ އިސްވެރިއެއް ބުންޏެވެ. މީގެ ކުރިން ދީފައިވާ ޙަމަލަތައް ޙިޒްބުاللهއަށް އަމާޒު ކޮށްފައި ނުވާ ކަމުގައި ވެސް މަސްދަރުތަކުން ބުނެއެވެ.
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ޔަހޫދީން ސޫރިޔާގެ އަމާޒުތަކަށް ދީފައިވާ އެކި ޙަމަލަތަކުގައި ޙިޒްބުاللهގެ 19 މީހުން ޝަހީދުކޮށްލާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ އެކި ޙަމަލަތަކުގައި ވެސް ޙިޒްބުاللهގެ 130 މީހުން ޝަހީދުކޮށްލާފައިވެއެވެ. ނަމަވެސް އެ ޙަމަލަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަ ކުރަން ޔަހުދީން ދެކޮޅު ހަދައެވެ.
ޔަހޫދީން ސޫރިޔާއާއި ލުބްނާނަށް ދެމުންދާ ޙަމަލަތައް ވަރުގަދަ ކުރަމުންދާތީ، ޙިޒްބުاللهން ވެސް އެ ކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ. އަދި ޔަހޫދީންގެ ޙަމަލަތައް ހުއްޓައިނުލައިފި ނަމަ، ސަރަޙައްދީ ހަމަނުޖެހުމެއް ފެށުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޙިޒްބުاللهން މިހާރު ވެސް ދަނީ ލުބްނާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޔަހޫދީންގެ ރަށްތަކާއި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލަތަކެއް ދެމުންނެވެ.