ޚަބަރު

ޢަރަބިންގެ ޚާއްޞަ މެސެޖަކާ އެކު ބްލިންކަން ޔަހޫދީންގެ ގާތަށް


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔަހޫދީންގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ. އޭނާ ޔަހޫދީންގެ ގާތަށް ވަޑައިގަންނަވާފައި ވަނީ ބައެއް ޢަރަބި ޤައުމުތަކަށް ވަޑައިގެންނެވުމަށް ފަހު، ޢަރަބިންގެ ފަރާތުން ޚާއްޞަ މެސެޖެއް ހިއްޕަވައިގެންނެވެ.

ޔަހޫދީންގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޢަރަބިންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ބްލިންކަން ވިދާޅުވީ ޔަހޫދީންގެ ދަޢުލަތް ޢަރަބިންނަށް ބަލައިގަނެވޭނީ އެންމެ ޝަރުޠެއްގެ މަތިން ކަމުގައެވެ. އެއީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުމަށް މަގު ކޮށައިދިނުން ކަމަށާއި ޢަރަބި ޤައުމުތަކުން ޔަހޫދީންނާ އެކު ގުޅުން ބަދަހި ކުރުމުގައި ދެމިއޮންނާނީ އެ ޝަރުޠު ފުރިހަމަ ކޮށްދިނުމުން ކަމުގައެވެ.

އެއީ އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފެށި ފަހުން ބަލިންކަން ޔަހޫދީ ދަޢުލަތަށް ވަޑައިގަންނަވާފައިވާ ހަތަރު ވަނަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭނާ ވަޑައިގަންނަވާފައި ވަނީ އުރުދުނާއި ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި އެ ޤައުމުތަކުގެ އިސްވެރިންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުއެވެ.

އެ ދަތުރުފުޅުގައި ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކުރަމުންދާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު މަދު ކުރެވޭނެ ގޮތްތަކެއް ހޯދަން ޔަހޫދީންނަށް ބާރު އަޅުއްވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި ޢުދުވާނާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބޭލުމަށް އެމެރިކާއިން ގޮވައިލާފައިވާނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ.

ނަމަވެސް، ޔަހޫދީންގެ ޢުދުވާންތައް މަޑުޖައްސައިލާފައިވާ މަންޒަރު ފެންނާކަށް ނެތެވެ. އަސްކަރީ މަތިންދާބޯޓުތަކާއި ބަރުހަތިޔާރު ބޭނުންކޮށްގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް އަދިވެސް ވަރުގަދަ ޙަމަލަތަކެއް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ބައެއް ޙަމަލަތައް އަމާޒު ކޮށްފައި ވަނީ އަލް-އަޤްޞާ ހޮސްޕިޓަލަށެވެ. އެ ޙަމަލަތަކުގައި 57 މީހުން ޝަހީދުކޮށްލައި، އިތުރު 65 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ވެސް ވަނީ، އަޤްޞާ ހޮސްޕިޓަލުގެ އިތުރުން މެދުތެރޭ ޣައްޒާއާއި ދެކުނުގައިވާ ޚާން ޔޫނިސްގެ ހޮސްޕިޓަލްތަކަށް ވެސް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލަތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި، އެ ޙަމަލަތަކާ ގުޅިގެން އެ ހޮސްޕިޓަލްތަކުން ޚިދުމަތްތައް މެދުކަނޑައިލާ، އެ ތަންތަން ބަންދު ކުރަން މަޖުބޫރުވަމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާދެވޭނެ ގޮތެއް މިހާރު ނެތް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.