ޚަބަރު

ޙިޒްބުاللهން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ޙަމަލަތަކެއް ދީފި


ލުބްނާނުގެ ޙިޒްބުاللهން ޖަމާޢަތުން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ޙަމަލަތަކެއް ދީފިއެވެ. ޔަހޫދީންގެ ޙަމަލަތަކެއްގައި ޙަމާސް ޖަމާޢަތާއި ޙިޒްބުاللهގެ އިސްވެރިންތަކެއް ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލަތަކުގައި ބޭނުން ކޮށްފައި ވަނީ ގޮވާ ޒާތުގެ ޑްރޯންތަކެކެވެ. އެއީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ޙިޒްބުاللهން ނުރައްކާތެރި ޙަމަލަތަކެއް އަމާޒު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމުން ޙިޒްބުاللهން ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނާއި، ޢުދުވާންތައް ހުއްޓަައިލަން ބާރު އެޅުމުގެ ގޮތުން ޔަހޫދީ ފައުޖާ ކުރިމަތިލާން ފަށާފައެވެ. އެއީ ފާއިތުވި 17 ވަރަކަށް އަހަރުގެ ތެރޭގައި ލުބްނާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރާ އެންމެ ނުރައްކާތެރި ޙަމަަލަތަކެވެ. އެ ޙަމަލަތަކާ ގުޅިގެން، ސަރަޙައްދީ ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ އިންޒާރު ކުރަމުންނެވެ.

އެ ޙަމަލަތަކާ ގުޅިގެން ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޙިޒްބުاللهގެ ނައިބު ލީޑަރެއް ކަމުގައިވާ ނަޢީމް ޤާސިމް ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފަށަން އެ ޖަމާޢަތުން ބޭނުން ނުވާ ކަމުގައެވެ.

"ނަމަވެސް، ޔަހޫދީންގެ ޢުދުވާންތައް ފުޅާ ކުރަން ފަށައިފިނަމަ، ޔަހޫދީން ހުއްޓުވަން މި ޖަމާޢަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހަނގުރާމަ ފަށާނަން،" ނަޢީމް ވިދާޅުވިއެވެ.

ޙިޒްބުاللهން ޑްރޯން ބޭނުން ކޮށްގެން އެންމެ ފަހުން ދީފައިވާ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީ ދަޢުލަތުގެ އުތުރުގައި އޮންނަ ސްފާތުގައި އޮންނަ އެ ޤައުމުގެ އަސްކަރިއްޔާގެ މައި މަރުކަޒަށެވެ. އެއީ، ލުބްނާނުގެ ސަރަޙައްދީ ރޮނގާ 14 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ ޒަމާނީ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ޙިޒްބުاللهގެ ރޮކެޓް ޙަމަލަތައް ދިފާޢު ކުރަން ޔަހޫދީން ނުކުޅެދިފައިވާކަން އެ ޙަމަލަތަކުން ހާމަވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެ ޙަމަލަތަކަކީ، ޔަހޫދީން ޝަހީދުކޮށްލާފައިވާ ޙަމާސްގެ ނައިބު ލީޑަރު ޞާލިޙް އަލް-ޢާރޫރީއާއި ޙިޒްބުاللهގެ ރަޟްވާން ލަޝްކަރުގެ ކޮމާންޑަރުގެ ނައިބު ވަސާލް ޠަވީލްގެ މަރަށް ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލަތަކެއް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ޠަވީލްގެ ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ.