ޚަބަރު

2023އަކީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ އަހަރު


ފާއިތުވި 2023 ވަނަ އަހަރައަކީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ އަހަރު ކަމުގައި ވިލާތުގެ އިއްތިހާދުގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. އެ އިދާރާގެ ސައިންސްވެރިން ބުނީ 2023 އަކީ ފާއިތުވި 100,000 އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ބެލެވޭ ކަމުގައެވެ.

2023 އަކީ އެންމެ ހޫނު ގަަދަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވޭނެ ކަމަށް ކުރިން ވެސް އޮތީ އަންދާޒާ ކުރެވިފައި ކަން ފާހަގަ ކޮަށްލަން ޖެހެއެވެ. ސަބަބަކީ 2022 ވަނަ އަހަރުގެ ކޮންމެ މަހެއްގައި އެވްރެޖް ފިިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރާ އަޅައިބަލާއިރު، 2023 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ފާއިތުވި ކޮންމެ މަހެއްގައި ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލުމެވެ.

"މޫސުމީ ގޮތުން ބަލާއިރު ފާއިތުވި އަހަރަކީ ވަރަށް ތަފާތު އަހަރެއް. ދުނިޔެއަށް ކުރިމަތިވި ހޫނު ގަދަ އެހެން އަހަރުތަކާ އަޅައިބަލާއިރު، މުޅިން އެހެން މިންގަނޑެއްގައި ފާހަގަ ކޮށްލަން ޖެހޭ އަހަރެއް،" އެ އިދާރާގެ ޑިރެކްޓަރ ކާލޯ ބުއޮންޓެމްޕޯ ވިދާޅުވިއެވެ.

ދުނިޔޭގެ ފިނިހޫނުމިނުގެ ރެކޯޑު ބަލަހައްޓަން ފަށާފައި ވަނީ 1850 ވަނަ އަހަރެވެ. ނަމަވެސް، އޭގެ ކުރީގައި ދުނިޔޭގެ ފިނިހޫނުމިން ހުރިނެތްގޮތް އަންދާޒާ ކުރާ މިންގަނޑުތަކުން ބަލާއިރު، 2023 ވަނަ އަހަރަކީ ފާއިތުވި 100,000 އެއްހާ އަހަރުގެ ތެރޭގައި ވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނު ގަދަ އަހަރު ކަމަށް ބެލެވޭ ކަމުގައި ބުއޮންޓެމްޕޯ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ބުނީ، 1850އާއި 1900ގެ އަހަރުތަކުގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރާ އަޅައިބަލާއިރު، 2023 ގައި ދުނިޔޭގެ ފިނިހޫނުމިން 1.48 ޑިގްރީ ސެލްސިއެސްއަށް އުފުލިފައިވާ ކަމުގައެވެ. ސިނާއީ ފެންވަރެއްގައި ދުނިޔޭގައި ޤުދުރަތީ ތެޔޮ އަންދައި ޖައްވަށް ކާބަންޑައިއޮކްސައިޑް ފަދަ ވިހަ ގޭސްތައް ބޭރު ކުރަން ފަށާފައި ވަނީ 1850އާއި 1900ގެ އަހަރުތަކުގެ ތެރޭގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް އުފުލުގެ ފުރުޞަތު ނުދިނުމަށް 2015 ވަނަ އަހަރު އެކުލަވައިލި ޕެރިސް މުޢާހަދާގެ ދަށުން ޤައުމުތަކުން އެއްބަސްވިއެވެ. އެ މިންވަރާ ގާތަށް ދުނިޔޭގެ ފިނިހޫނުމިން އުފުލެމުންދާއިރު، އެ އިދާރާއިން ބުނީ 2023 ވަނަ އަހަރުގެ ބައެއް ދުވަސްތަކުގައި ފިނިހޫނުމިން އެ މިންވަރަށްވުރެ މައްޗަށް އުފުލިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައެވެ.

ނިއުކާސްލް ޔުނިވަރސިޓީގެ މޫސުމީ ބަދަލުތަކާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ ހެއިލީ ފައުލަރ ވިދާޅުވީ، 2023ގެ ރެކޯޑުތަކުން އެނގި ހާމަވެގެން ގޮސްފައި ވަނީ ފިނިހޫނުމިން ކޮންޓްރޯލް ކުރަން ވަޤުތުން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަން ކަމުގައެވެ.

"ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު ދަށްކުރަން ޤައުމުތަކުން މަސައްކަތް ކުރި ނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެ ކަން ނުކުރެވޭ ކަން ހާމަވަނީ. ދުނިޔެ ހޫނުވަމުންދާ މިންވަރާ އަޅައިބަލާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދު ކުރަން ކުރެވެމުންދާ މަސައްކަތްތައް މަދު ކަން މި އެނގެނީ،" އޭނާ ވިދާޅުވިއެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދު ކުރަން މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް 2023 ވަނަ އަހަރު ރެކޯޑު މިންވަރަކަށް ޖައްވުގެ ތެރެއަށް ކާބަންޑައިއޮކްސައިޑް ދޫކޮށްފައިވާ ކަމުގައި ވިލާތުގެ އިއްތިހާދުގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ބުނެއެވެ. އެ ގޮތުން، އެ އަހަރު ޖައްވަށް ދޫކޮށްފައިވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 419 ޕާޓްސް ޕަރ މިލިޔަނަށް އަރާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

2023 ވަނަ އަހަރު ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލިފައި ވަނީ ހަމައެކަނި އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ނޫން ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލެން، ޤުދުރަތީ މޫސުމީ ފެނޯމެނާއެއް ކަމުގައިވާ އެލް ނީނޯގެ ދައުރު ބޮޑެވެ. އެއީ ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ އެންމެ މަތީ ފަށަލައިގެ ފިނިހޫނުމިން އުފުލުމަށް މެދުވެރިވާ ސަބަބެވެ.

2023 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޫސުމީ ބޮޑެތި ކާރިސާތަކަކާ ކުރިމަތިވިއެވެ. މީގެ ތެރޭގައި ޗައިނާއާއި ވިލާތުގެ ޤައުމުތަކަށް ކުރިމަތިވި ހޫނުގެ ތޫފާންތަކާއި، ލީބިޔާއަށް ކުރިމަތިވި ފެންބޮޑުވުމާއި، ކެނެޑާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ފާހަގަ ކޮށްލެވެއެވެ. ސައިންސްވެރިން ބުނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން ބަޔެއްގެ ދިރިއުޅުން ބަދަލު ކުރަން މަޖުބޫރުވި ކަމުގައެވެ. އަދި، މޫސުމީ ކާރިސާތަކާ ގުޅިގެން ޤައުމުތަކުގެ އިޤުތިޞާދުތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމުގައެވެ.