ޚަބަރު

ފުނަދޫގެ މަގުތަކުގެ ދުވާރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި


މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ދުވާރު ހެދުމުގެ ޢަމަލީ މަސައްކަތް ފައްޓައިފިއެވެ. އެގޮތުން ޕޭމަންޓް ހުންނަ މަގުތަކުގެ ޕޭމަންޓަށް ވީ ހިސާބު ފާހަގަކޮށްފައިވާއިރު ދުވާރާއި މަގާއި ވަކިކުރާ ގާބަރި ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިމަސައްކަތް ނިމުމުން ކާނުތަކާއި މަގުތަކުގައި ކޭބަލް ލުމަށް ބޭނުންވާ ހޮޅި އެޅުމުގެ އިތުރުން މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް މިމަސައްކަތް ކުރަމުންދާ އެމްޓީސީސީ އާއި ހަވާލާދި ފުނަދޫ ކައުންސިލުން ބުނެއެވެ.

މަގުހެދުމުގެ މަސައްކަތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ފުނަދޫގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގުތައް ހެދުމަށް ހަމަޖެހިފައިވަނި ހަތަރު ޑިޒައިނަކަށެވެ. އެގޮތުން ފުރަތަމަ ޑިޒައިނުގެ ދަށުން މަގުގެ މެދުގައި ގަސްއިންދާ މަގުގެ ދެފަރާތުގައި ޕޭމަންޓް ހެދިގެންދާއިރު ދެވަނަ ޑިޒައިންގެ ދަށުން ހެދޭމަގުގެ ދެފަރާތުގައި ޕޭމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުން ތިންވަނަ ޑިޒައިނަށް ހެދޭމަގުތަކުގެ އެއްފަރާތުގައި ޕޭމަންޓް ހިމެނޭއިރު، ހަތަރުވަނަ ޑިޒައިންގެ މަގުތަކުގައި ޕޭމަންޓް ހިމެނިފައި ނުވާނެކަމަށް ހައުސިންމިނިސްޓަރު ވިދާޅުވިއެވެ.

ފުނަދޫގެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢަށް 46 މިލިއަންރުފިޔާ ހަރަދުވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ބަދަރު ސަރަހައްދުގައި ފެންހެދުމުގެ ސަބަބުން ދަތުރުވެރިންނަށާއި އޮޑިވެރިންނަށް އެސަރަހައްދު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތައް މިޕްރޮޖެކްޓްގެ ތެރެއިން ހައްލުކޮށް ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސަކަތް 420 މަސްދުވަހުގެތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.