ޚަބަރު

ފެރީން ދަތުރުކުރާއިރު ސަމާލުކަންދޭންޖެހޭ ވަރަށް ސަމާލުކަންދެވޭބާ!


ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚިދުމަތްދޭ ފެރީތަކުގައި އާންމުނަށް ފެންނާނެހެން ސަލާމަތީ ކަންކަމާ ގުޅޭ ބޯޑުތައް ހަރުކޮށްފައިހުރެއެވެ. ނަމަވެސް މިކަންތަކަށް އަމަލުކުރަނީ ފެރީތަކުން ދަތުރުކުރާ މަދުބަޔަކުކަން ފާހަގަކޮށްލެވެއެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތްދިނުމާ ބެހޭ ޤަވާއިދުގައި ފެރީން ދަތުރުކުރާ ފަސިންޖަރުންގެ ޒިންމާތައް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ކަނޑުގެ ވެށި ތަޣައްޔަރުވާނެ ފަދަ ޢަމަލުތައްނުކުރުމާއި، ފެރީ ދުއްވާ ކެޕްޓަނުގެ އަމުރުތަކަށް ބޯލެނބުމާއި، ފަސިންޖަރަކު އިށީންނަ ގޮނޑީގައި ނުވަތަ ކުރިމަތީގައި ހުންނަ ގޮނޑިއަށް ފައި ނަގައިގެން ނުތިބުމާއި، ފެރީގައި ފަސިންޖަރުންނަށް ޚާއްސަ ސަރަހައްދު ފިޔަވައި ފެރީ ދަތުރުކުރާ ވަގުތުގައާއި ފެރީ ގިމަތަތަކަށް ކައިރިކޮށް ނައްޓާލާ ވަގުތުގައި ހުރެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުތަކަށް ޢަމަލުނުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއްވެސް ހިނގާފައިވާކަން ފާހަގަކޮސްލެވެއެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ދަތުރުކުރި ފެރީއެއްގެ ގިޔަރު ފެއިލްވެގެން ފެރީ ތޮށިގަނޑުގައި ޖެހުނުއިރު، ފެރީ ރަނގަޅަށް މަޑުނުކުރަނީސް ކޮޅަށް ނުތެދުވަން އަންގާފައި އޮންނަ އުޞޫލާ ޚިލާފަށް ކޮޅަށް ތިބި ބައެއް ފަސިންޖަރުންނަށް ވަނީ އަނިޔާވެފައެވެ. އެ ހާދިސާއަށްފަހު އެމް.ޓީ.ސީ.ސީން ވަނީ ފެރީތަކުގައި ފަސިންޖަރުން ކޮޅަށް ތިބޭނަމަ ފެރީ ތޮށިގަނޑާ ކައިރި ނުކުރާގޮތަށް ނިންމާފައެވެ. މިއީ އާންމުންނަށް ރައްކާތެރި ސަލާމަތްތެރިކަން ހުރި ނިޒާމަކަށް ހެދުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ ޓްރާސްޕޯޓް އެންޑް އިންޖިނިއަރިން ޑިވިޝަން އިބްރާހިމް ލަތީފް ވިދާޅުވިއެވެ.

ފެރީގެ ޚިދުމަތް ފުޅާދާއިރައެއްގައި ދެމުންދާ އެމް.ޓީ.ސީ.ސީން ވަނީ އުޅަނދުފަހަރުގައި ހުންނަ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފެރީޓާރމިނަލްތަކުގައި ތިބޭ އިރު، ފެރީގައި ހިމެނޭ ސަލާމަތީ ކަންތައްތަކާއި، އެކަމަށް އާންމުން އަމަލުކުރަންވީ ގޮތާބެހޭ އިރުޝާދުތައް ދެމުންދާކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ސްކޫލު ބަންދުތައް ފަދަ، ގިނައިން އާންމުން ދަތުރުކުރާ ދުވަސްވަރާ ދިމާކޮށް ހޭލުންތެރިކުރުމުގެ އިރުޝާދުތައް ފެރީޓާރމިނަލްތަކުން ދޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެކުންފުނިން މާލެއާއި ހުޅުމާލެއާ ދެމެދު ދުވާލަކު 20،000 ފަސިންޖަރުން، އަދި މާލެއާއި ވިލިމާލެއާއި ދެމެދު ދުވާލަކު 16،000 ފަސިންޖަރުން އެއްކޮޅުން އަނެއްކޮޅަށް ގެންދެއެވެ.