ޚަބަރު

ޢަރަބިންގެ %90 މީހުން ޙަމާސްގެ ޖިހާދަށް ތާއީދުކުރޭ


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީންނަށް ދީފައިވާ ޙަމަލައަކީ ޙައްޤު ސަބަބެއްގައި ފަށާފައިވާ ޖިހާދެއްގެ ގޮތުގައި ޢަރަބިންގެ ތެރެއިން %90 މީހުން ޤަބޫލު ކުރާ ކަން ހާމަވެއްޖެއެވެ. އެ ކަން ހާމަވެފައި ވަނީ ޢަރަބް ސެންޓަރ ފޯ ރީސަރޗް އެންޑް ޕޮލިސީ ސްޓަޑީޒުން ހަދާފައިވާ ސަރވޭއަކުންނެވެ.

އެ ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %90 މީހުން ދެކެނީ ޙަމާސުން ޔަހޫދީންނަށް ދީފައިވާ ޙަމަލައަކީ ޖިހާދެއްގެ ގޮތުގައެވެ. އެ ސަރވޭގައި 16 ޢަރަބި ޤައުމަކުން 8,000 މީހުން ބައިވެރިވިއެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %19 މީހުން ބުނެފައި ވަނީ ޙަމާސްގެ ޙަމަލައަކީ ޙައްޤު ޖިހާދެއްގެ ގޮތުގައި ދެކުނު ނަމަވެސް، ޙަމަލަތަކުގައި މައްސަލަތަކެއް ހުރި ކަން ފާހަގަ ކުރާ ކަމުގައެވެ. އަދި %3 މީހުން ބުނީ އެއީ ޙައްޤު ޖިހާދެއް ނަމަވެސް ޙަމާސުން އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ. ޙަމާސްގެ ޙަމަލައާ ދެކޮޅު ކަން ހާމަކޮށްފައި ވަނީ ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %5 މީހުންނެވެ.

ޙަމާސްގެ ޙަމަލައަކީ އެ ޖަމާޢަތުގެ ޚާރިޖީ އެޖެންޑާއެއް ހާސިލު ކުރަން ހިންގާފައިވާ ޢަމަލެއްގެ ގޮތުގައި ނުދެކޭ ކަމުގައި ވެސް ސަރވޭގެ ބައިވެރިން އެއްބަސްވެއެވެ. އަދި %35 މީހުން ބުނީ ޙަމާސްގެ ޙަމަލައަކީ ޔަހޫދީންގެ އަޅުވެތިކަމުގެ ނަތީޖާ ކަމުގައި ގަބޫލު ކުރާ ކަމުގައެވެ. އަދި %24 މީހުން ދެކޭ ގޮތުގައި ޙަމާސްގެ ޙަމަލައަކީ މުސްލިމުންގެ މުޤައްދަސް ތިން މިސްކިތުގެ ތެރެއިން ބައިތުލްމަޤްދިސްގައި ހުންނަ މަސްޖިދުލްއަޤްޞާގެ ޙައްޤުގައި އަދި އެ ތަނުގެ ދިފާޢުގައި ދީފައިވާ ޙަމަލައެއްގެ ގޮތުގައި ދެކޭ ކަމުގައެވެ.

ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން %92 މީހުން ފަލަސްޠީނުގެ ރައްޔިތުންނާ އެކު ދެމިތިބި ކަން ހާމަ ކޮށްފައިވާ ކަމުގައި ޢަރަބް ސެންޓަރ ފޯ ރީސަރޗް އެންޑް ޕޮލިސީ ސްޓަޑީޒުން ބުނެއެވެ. އަދި ސަރވޭގެ ބައިވެރިންގެ ތެރެއިން %62 މީހުން ޙަމާސަށް ތާޢީދު ކުރާ ކަން ހާމަކޮށްފައިވެއެވެ. ޙަމާސްއާ ދެކޮޅު ކަން ހާމަ ކޮށްފައި ވަނީ އެންމެ %23 މީހުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 23,357 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 59,410 އަށް އަރައެވެ. އޭގެ ތެރޭގައި 9,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.