ހަތިޔާރު އެޅި ބަޔަކު އެކުއެޑޯގެ ޓީވީ ސްޓޭޝަނެއް ހިންގާ ޢިމާރާތަކަށް ވަދެ، އެ ތަން ޙިޞާރުކޮށް، އެ ތަނުގައި ތިބި މުވައްޒަފުން ރަހީނު ކޮށްފިއެވެ.
އެކުއެޑޯގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޓީވީ ސްޓޭޝަންނަށް ވަދެ ހަތިޔާރު އެޅި މީހުން ހައްޔަރުކޮށް އެ ތަނުގައި ރަހީނު ކޮށްފައި ތިބި މީހުން ސަލާމަތް ކޮށްފައެވެ. އެ ޙާދިޘާ ހިނގާފައި ވަނީ އެކުއެޑޯގައި ކުއްލި ޙާލަތު އިޢުލާނު ކޮށްފައި އޮތް ދަނޑިވަޅެއްގައެވެ.
ހަތިޔާރު އެޅި 13 މީހުން އެކުއެޑޯގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ޓީސީގެ ސްޓޫޑިޔޯއަށް ވަދެފައި ވަނީ ލައިވް ޕުރޮގުރާމެއް ކުރިއަށްދިޔަ ވަޤުތެއްގައެވެ. އެއީ އެކުއެޑޯގެ އައްސޭރިފަށުގެ ރަށެއް ކަމުގައިވާ ގުއަޖަކީލްގައި ހުންނަ ޓީވީ ސްޓޭޝަނެކެވެ. ހަތިޔާރު އެޅި މީހުން އެ ތަނަށް ވަދެފައި ވަނީ ގިނަ ޢަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ހިފައިގެންނެވެ. ޓީވީ ސްޓޭޝަނަށް ޙަމަލަދޭން މަސައްކަތް ކޮށްފައި ވަނީ އެކުއެޑޯގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ވަޤުތެއްގައެވެ.
މަސްތުވާތަކެތީގެ ވަގުފާރިއާއި ގޭންގު ކުށްތައް ހުއްޓުވަން ރައީސް ދަނިއެލް ނޮބޮއާ ފައްޓަވާފައިވާ މަސައްކަތުގެ ދަށުން އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައި ވަނީ ޖަނަވަރީ 8 ވަނަ ދުވަހުއެވެ. މަސްތުވާތަކެއްޗާ ގުޅުން ހުރި ހަމަނުޖެހުންތަކާއި ގޭންގު ކުށްތައް ހުއްޓުވުމަކީ ހުސްވި އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ނޮބޮއާގެ ރިޔާސީ ވަޢުދެކެވެ.
އެ ވަޢުދުގެ ދަށުން މި ހަފުތާގެ ކުރީކޮޅު ނޮބޮއާ ވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ގުރޫޕުތަކުގެ ތެރެއިން 12 ގުރޫޕަކީ ޓެރެރިސްޓު ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި އެކުއެޑޯގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޖަމާޢަތްތަކުން ހިންގަމުންދާ ކުށްތައް ހުއްޓުވަން ޚާއްޞަ ޙަރަކާތެއް ފަށާފައެވެ. އެކުއެޑޯގެ އަސްކަރިއްޔާއިން މިހާރު ދަނީ އެ ގުރޫޕުތަކަށް ނިސްބަތްވާ މީހުން ހޯދައި ހައްޔަރު ކުރަން މަސައްކަތް ކުރަމުންނެވެ.
އެ ޙަރަކާތާ ގުޅިގެން ހަތިޔާރު އެޅި ގުރޫޕުތަކުން ވަނީ އެކުއެޑޯގެ ފުލުހުންގެ ހަތް މީހަކު ރަހީނު ކޮށްފައެވެ. އަދި ބައެއް ރަށްތަކުގައި ބޮމުގެ ޙަމަލަތައް ދޭން ފަށާފައެވެ. އެކުއެޑޯގެ ޖަލެއްގައި ދާދިފަހުން ހިނގި ހަމަނުޖެހުންތަކެއްގައި އެ ތަނުގައި ބަންދު ކޮށްފައި ތިބި ގައިދީންތަކެއް ވަނީ ޖަލު ބަލަހައްޓާ މީހުންނަށް ޙަމަލަދީފައެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ޖަލުގައި ބަންދު ކޮށްފައި ހުރި ލޮސް ޗޮނޭރޮސް ގުރޫޕުގެ އިސްވެރިޔާ އަދޮލްފޯ މަތިއާސް ވަނީ ޖަލުން ފިލާފައެވެ.
އެކުއެެޑޯގެ ސަރުކާރުން ބުނީ ކުށްކުރާ މީހުން ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ އެ ގުރޫޕުތަކުގެ އިސްވެރިން ބަންދު ކުރަން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އައު ޖަލެއް ބިނާ ކުރައްވާނެ ކަން ނޮބޮއާ އިޢުލާނު ކުރެއްވުމުން ކަމުގައެވެ. އަދި އެއީ ޢާންމުންގެ ހިތްތަކުގައި ބިރުވެރި ކަން އުފައްދަން ފަށާފައިވާ ހަމަނުޖެހުންތަކެއް ކަމުގައި ވެސް ސަރުކާރުން ބުނެއެވެ.
އެކުއެޑޯގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކުގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ގޮތުން، ޕެރޫއިން ވަނީ އެކުއެޑޯއާ ގުޅޭ ސަރަޙައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އަދި ބްރެޒިލާއި ކޮލަމްބިޔާގެ އިތުރުން ޗިލީގެ ސަރުކާރުން ވަނީ ކުށްކުރާ ގޭންގުތަކާ ދެކޮޅަށް ނޮބޮއާ ފައްޓަވާފައިވާ ޙަރަކާތަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައެވެ. އެކުއެޑޯގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގައި ހުންނަ ބޭރު ބައެއް ޤައުމުތަކުގެ އެމްބަސީތައް ބަންދު ކޮށްފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.