ޚަބަރު

ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން މިޞްރުގެ އިޤްޠިޞާދީ ދުވެލި މަޑުޖެހޭނެ


ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުތަކަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިޞްރުގެ އިޤްޠިޞާދީ ދުވެލި މަޑުޖެހޭނެ ކަމަށް ލަފާކޮށްފިއެވެ.

އާގުބޯޓުތަކަށް ޙޫޘީން އަމާޒުކުރާ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރުކުރުން ހުއްޓާލައިފައެވެ. ރަތް ކަނޑު އޮންނަނީ ޔަމަނުގެ ބާބް އަލް މަންދީބު ކަނޑުއޮޅިން ފެށިގެން މިޞްރުގެ ސުއޭޒް ކެނަލްއާ ހަމައަށެވެ. ޝިޕިން ކުންފުނިތަކުން ރަތް ކަނޑުގެ ދަތުރުތައް ހުއްޓައިލުމުން ސުއޭޒް ކެނަލުން ދަތުރުކުރާ ބޯޓުތަކުގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ސުއޭޒް ކެނަލަކީ އިޤްޠިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މިޞްރުން އާމްދަނީ ހޯދުމަށް ބަރޯސާވާ މައިގަނޑު އެއްމަގެވެ. މިދިޔަ އަހަރު އަހަރު ސުއޭޒް ކެނަލުން ދަތުރުކުރި ބޯޓުތަކުން ނެގި ފީގެ ގޮތުގައި 9.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމުދަނީއެއް މިޞްރަށް ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާއަށްވުރެ މި އަހަރުގެ ފުރަތަމަ ހަފުތާގައި ސުއޭޒް ކެނަލުން މުދާ އުފުލި މިންވަރު %35 ދަށްވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާގެ ހިސާބުތަކުން ދައްކައެވެ. އެއާއެކު މިޞްރުގެ އިޤްޠިޞާދަށް މި ވަޤުތު ކުރާ އަސަރު ކުޑަ ނަމަވެސް ޙޫޘީންގެ ޙަމަލާތައް ތަކުރާރުވާނަމަ އިޤްޠިޞާދަށް އަސަރުކުރާ މިންވަރު އިތުރުވާނެ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އިޤްޠިޞާދީ އަނދަވަޅެއްގެ ތެރޭގައި އޮތް މިޞްރުގެ ފައިސާގެ އަގު 2022 ވަނަ އަހަރުން ފެށިގެން ވަނީ ދެބައިކުޅަ އެއްބައި ދަށްވެފައެވެ. އަދި އިންފްލޭޝަން ރޭޓު %35އަށް މަތިވެފައިވާ ދަނޑިވަޅެއްގައި މިޞްރުގެ އިޤްޠިޞާދަށް ސުއޭޒް ކެނަލުން ލިބޭ އާމްދަނީ ވަރަށް މުހިންމެވެ.

ބައިނަލްއަޤުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ %12 އުފުލާ މަގަކީ ރަތް ކަނޑެވެ.

ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ބަދަލުގައި ދުރުގައި އޮންނަ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރުމަށް ފަށައިފައެވެ. ބޯޓުތައް ހިމާޔަތްކުރުމުގެ މަސައްކަތް އެމެރިކާއިން އިސްނަގައިގެން އެކުލަވާލީ އަސްކަރީ އިއްތިޙާދުން ކުރި ނަމަވެސް ޝިޕިން ކުންފުނިތަކުން އަންނަނީ ރަތް ކަނޑުން ކުރާ ދަތުރުތައް ހުއްޓައިލަމުންނެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ ފައުޖުތަކާއި ފަލަސްޠީނުގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ހަނގުރާމަ ފެށިފަހުން ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ޙޫޘީން އަންނަނީ ޙަމަލާތައް ދެމުންނެވެ. ޙޫޘީން އެ ގޮތަށް ޢަމަލުކުރަނީ ފަލަސްޠީނަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެ ގޮތުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރަތް ކަނޑާއި ޙަރީޖް ޢަދުނުން ދަތުރުކުރި 25 ބޯޓަކަށް ޙޫޘީން ވަނީ ޙަމަލާ ދީފައެވެ.