ޢިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ ގުޅިފައިވާ ލަޝްކަރުގެ ސިފައިން މަޝްވަރާތަކުގެ މަތިން އެ ޤައުމުން ވީހާ ވެސް އަވަހަކަށް ފޭބުމަށް ބޭނުންވާ ކަމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް ސުދާނީ ވިދާޅުވެއްޖެއެވެ. ނަމަވެސް އެކަމަށް އޭނާ ސުންގަޑިއެއް ކަނޑައަޅާއިފައެއް ނުވެއެވެ. ސުދާނީ އެ ގޮތަށް ވިދާޅުވެފައި ވަނީ ސިފައިން ޢިރާޤުން ބޭލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކާއި ފަލަސްޠީނުގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ޙާލަތު އޮތް މި ދަނޑިވަޅުގައި އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން ޢިރާޤުގައި ތިބުމަކީ ސަރަޙައްދީ ހަމަނުޖެހުމަށް އިތުރަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށް ސުދާނީ ވިދާޅުވިއެވެ. ނަމަވެސް ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތްތައް ކުރިއަށްދާނީ ދެ ޤައުމުން އެއްބަސްވާ މަޝްވަރާތަކާއެކު ކަމަށް ސުދާނީ ވިދާޅުވިއެވެ.
ގުޅިފައިވާ ލަޝްކަރުގެ ސިފައިން ޢިރާޤުން ފޭބުމަށް ބޭނުންވަނީ އެ ޤައުމަށް އަންނަ ޙަމަލާތައް އަމިއްލައަށް ދިފާޢު ކުރެވޭނެތީ ކަމަށާއި އެ ޤައުމުގެ ސަރަޙައްދުތަކަށް ޢިރާޤުގެ ފުރިހަމަ އިސްތިޤުލާލު އޮންނަން ޖެހޭނެތީ ކަމަށް ވެސް ސުދާނީ ވިދާޅުވެފައިވެއެވެ.