ސްރީ ލަންކާގެ ހަސްފަތާލުތަކުގައި މަސައްކަތް ކުރާ ޞިއްޙީ އެހީތެރިންނާއި އިދާރީ މުވައްޒަފުން އިހުތިޖާޖު ކުރަން ފެށުމުން ހަސްފަތާލުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވާން ފަށައިފިއެވެ. ޞިއްޙީ އެހީތެރިންނާއި އިދާރީ މުވައްޒަފުން އެއް ދުވަހުގެ މުއްދަތަކަށް އިހުތިޖާޖު ކުރަން ފަށާފައި ވަނީ އެ މީހުންނަށް ލިބޭ މާލީ އިނާޔަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ.
އިހުތިޖާޖުގައި އެ ޤައުމުގެ ހުރިހާ ކަންކޮޅެއްގައިވާ ހޮސްޕިޓަލްތަކުގެ މުވައްޒަފުން ބައިވެރިވެއެވެ. އެ މީހުންގެ ޒިންމާތައް ދޫކޮށްލުމަށް ފަހު އިހުތިޖާޖަށް ނުކުމެފައި ވަނީ ސްރީ ލަންކާއަށް އިޤުތިޞާދީ ކާރިޘާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުގައި ދިރިއުޅުމުގެ އަގުތަކާއި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އެހެންކަމުން ސަރުކާރުން ވަނީ ޓެކުސްތައް އިތުރުކޮށް ސަރުކާރު މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް މަދުކޮށްފައެވެ.
"ހަސްފަތާލުތަކުގެ ޑިރެކްޓަރުންގެ އެދުމުގެ މަތިން އަސްކަރިއްޔާއިން ވާނީ 615 ސިފައިންނާއި 19 އޮފިސަރުން 25 ހަސްފަތާލަކަށް ފޮނުވާފައި،" އިހުތިޖާޖާ ގުޅިގެން ހަސްފަތާލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވަމުން ސްރީ ލަންކާގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ރަސިކަ ކުމާރް ވިދާޅުވިއެވެ.
ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ނޫން އެހެން ކަންކަމުގައި އެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމްބިޔުލާންސްތަކުގެ ޚިދުމަތްތަކާއި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ލިޔެކިޔުންތައް ބެލެހެއްޓުން ހިމެނެއެވެ.
ސްރީ ލަންކާއަކީ ކުރިން ވަރަށް ފުރިހަމަ ޢާންމު ޞިއްޙަތުގެ ނިޒާމެއް އޮތް ޤައުމެކެވެ. ނަމަވެސް އެ ޤައުމުގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބޭރު ޤައުމުތަކަށް ހިޖުރަ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އަދި ޞިއްޙީ ޚިދުމަތް ހޯދުމަށް ކުރަން ޖެހޭ ހޭދަ އުފުލެމުންދާ ދަނޑިވަޅެއްގައި ޞިއްޙީ ޚިދުމަތްތައް ފުޅާ ކުރަން ކުރާ ހޭދަ ދަށްވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
ސްރީ ލަންކާގެ ހަސްފަތާލުތަކުގައި މަސައްކަތް ކުރާ ޞިއްޙީ އެހީތެރިންނާއި އިދާރީ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށާފައި ވަނީ ޑަކްޓަރުންނަށް ދަތުރު ޚަރަދުގެ ގޮތުގައި މަހަކު 241 އެމެރިކާ ޑޮލަރުގެ އިނާޔަތެއް ދޭން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެ އިނާޔަތް ލިބޭ މީހުންގެ ތެރޭގައި ޞިއްޙީ އެހީތެރިންނާއި އިދާރީ މުވައްޒަފުން ނުހިމެނެއެވެ.
އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން އެ ޤައުމުގެ ހެލްތު ސަރވިސަސް ޓްރޭޑް ޔޫނިއަން އެލަޔަންސްގެ އިސް އޮފިޝަލެއް ކަމުގައިވާ ރަވީ ކުމުދޭޝް ވިދާޅުވީ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ސަރުކާރުން ހަމަހަމަ ކަމާ އެކު އިނާޔަތް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމުގައެވެ. އިނާޔަތުން މަޙުރޫމު ކުރުވާފައިވާ ޞިއްޙީ ޚިދުމަތްތެރިންނަކީ ވެސް ބަލި މީހުންނަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ބަޔެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.