ޚަބަރު

ރަތް ކަނޑުގައި ޙޫޘީން ދެމުންދާ ޙަމަލާތައް ހުއްޓައިލަން ސަލާމަތީ މަޖިލީހުން ގޮވައިލައިފި


ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އާގުބޯޓުފަހަރުތަކަށް ދެމުންދާ ޙަމަލާތައް ވަޤުތުން ހުއްޓައިލަން ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ހޫޘީ ޖަމާޢަތަށް އދގެ ސަލާމަތީ މަޖިލީހުން ގޮވައިލައިފިއެވެ. އެ މަޖިލީހުން އެ ކަމަށް ގޮވައިލާފައި ވަނީ ހޫޘީން ޙިޞާރު ކޮށްފައިވާ ޖަޕާނުގެ އާގުބޯޓެއް ކަމުގައިވާ ގެލެކްސީ ލީޑަރ މިނިވަން ކުރުމަށް ގޮވައިލާ ފާސް ކޮށްފައިވާ ޤަރާރެއްގައެވެ.

ގެލެކްސީ ލީޑަރއަށް އަރައި ހޫޘީން އެ ބޯޓު ޙިޞާރު ކޮށްފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު 19 ވަނަ ދުވަހުއެވެ. އެއީ ޔަހޫދީންގެ ވިޔަފާރިވެރިއެއްގެ ބޯޓެކެވެ. އެ ބޯޓުގައި ތިބި 25 ފަޅުވެރިން ތިބީ ހޫޘީންގެ އަތްދަށުގައެވެ. އދން ވަނީ އެ ބޯޓާއި އޭގެ ފަޅުވެރިން މިނިވަން ކުރުމަށް ހޫޘީންނަށް ގޮވައިލާފައެވެ. އަދި ރަތް ކަނޑުގައި ދަތުރު ކުރާ އާގުބޯޓުފަހަރަށް އެ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ވަޤުތުން ހުއްޓައިލަން ގޮވައިލާފައެވެ. އަދި ހޫޘީންގެ ޙަމަލަތަކާ ގުޅިގެން ބައިނަލްއަޤުވާމީ ވިޔަފާރިއާއި ކަނޑު ދަތުރުފަތުރަށް ހުރަސް އެޅެމުންދާ ކަމަށާއި ސަރަޙައްދީ ސުލްޙައަށް ނުރައްކާވަމުންދާ ކަމުގައި ވެސް އދގެ ޤަރާރުގައި ބުނެފައިވެއެވެ.

ފަނަރަ މެންބަރުން ހިމެނޭ އދގެ ސަލާމަތީ މަޖިލީހުގައި ހޫޘީންނާ ދެކޮޅަށް ހުށަހަޅާފައިވާ ޤަރާރު ފާސްވީ 11 މެންބަރުންގެ ތާޢީދާ އެކުގައެވެ. އެ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އޮންނަ ދެ ޤައުމު ކަމުގައިވާ ޗައިނާއާއި ރަޝިޔާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ހޫޘީންނާ ދެކޮޅަށް ޤަރާރު ހުށަހަޅާފައި ވަނީ އެމެރިކާއާއި ޖަޕާނުން ގުޅިގެންނެވެ. އެ ޤަރާރުގެ ބޭނުމަކީ ރަަތް ކަނޑުގެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ލަޝްކަރަށް އދގެ ރުހުން ހޯދުމެވެ. ސަލާމަތީ މަޖިލީހުން ވަނީ އެ ދެ ޤައުމުން ހުށަހެޅި ގޮތަށް ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައިވާ އަސްކަރީ ޙަރަކާތްތަކަށް ތާޢީދު ކޮށްފައެވެ.

އދގެ ޤަރާރަށް ރައްދު ދެމުން ހޫޘީންގެ ތަރުޖަމާނު މުޙައްމަދު ޢަބްދުލް ސަލާމް ވިދާޅުވީ އެ ޖަމާޢަތާ ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރު ބަލައިނުގަންނަ ކަމުގައެވެ. އަދި ރަތް ކަނޑުގައި ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރަމުން ދަނީ އެމެރިކާއިން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބެންޒިޔާ ވެސް ވަނީ އެމެރިކާއިން އެކުލަވައިލާފައިވާ ކަނޑުގެ ލަޝްކަރުގެ ޞައްޙަ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ހޫޘީންނަކީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެ ޖަމާޢަތުން ވަނީ ޔަމަނުގެ ވެރިރަށް ޞަންޢާގެ އިތުރުން އެ ޤައުމުގެ ބޮޑު ސަރަޙަައްދަކަށް އަތްގަދަ ކޮށްފައެވެ. އެ ޖަމާޢަތުން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލަދޭން ފަށާފައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލައިންސާނީ ޢުދުވާނެއް ފެށުމުންނެވެ. ހޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮންނަ އާގުބޯޓުފަހަރަށެވެ. އެ ޙަމަލަތަކުގެ ބޭނުމަކީ ޔަހޫދީންގެ ޢުދުވާން ހުއްޓައިލަން ބާރު އެޅުމެވެ. އެ ޙަމަލާތަކުގެ ސަބަބުން ކަނޑުމަގުން ދުނިޔޭގައި ކުރަމުންދާ ވިޔަފާރިއަށް ވަނީ ބުރޫއަރައިފައެވެ.