ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ޤަތުލުޢާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ޔަހޫދީ ފައުޖުގެ ޢުދުވާންތައް ވަޤުތުން ހުއްޓައިލަން ޢަމުރު ކުރުމަށް ދެކުނު އެފްރިކާއިން އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓު (އައިސީޖޭ)އަށް ގޮވައިލައިފިއެވެ. އައިސީޖޭއަކީ ދަޢުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އދގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.
ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ޤަތުލުޢާންމެއް ކަމަށް ބުނެ އައިސީޖޭއަށް މައްސަލަ ވައްދަމުން ދެކުނު އެފްރިކާއިން ބުނީ 1948 ވަނަ އަހަރުގެ ޤަތުލުޢާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ. އަޑުއެހުންތަކުގެ ފުރަތަމަ ދުވަހު ދެކުނު އެފްރިކާއިން ބުނީ ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލަތަކާއި އެއްގަމު މަގުން އަރައި ދެމުންދާ ޙަމަލާތަކަކީ ޣައްޒާގެ މުސްލިމުން ނައްތައިލަން ފަށާފައިވާ ލާއިންސާނީ ޢުދުވާނެއް ކަމުގައެވެ.
"ޣައްޒާ ނައްތައިލަން ނިންމާފައި މި ވަނީ ދަޢުލަތެއްގެ އެންމެ މަތިން [ސަރުކާރުގެ އެންމެ މަތީ މަޤާމުތަކުގައި ތިބި މީހުން]،" އައިސީޖޭގެ އަޑުއެހުމުގައި ދެކުނު އެފްރިކާގެ ފަރާތުން ވަކާލާތު ކުރައްވަމުން އެ ޤައުމުގެ ހައިކޯޓުގެ އިސްވެރިއެއް ކަމުގައިވާ ޓެމްބޭކާ އެންކުންކައިޓޯބީ ވިދާޅުވިއެވެ.
ޢައްޒާގެ މުސްލިމުންނަކީ ޖަނަވާރުންތަކެއްގެ ގޮތުގައި ޔަހޫދީންގެ ދިފާޢީ ވަޒީރު ސިފަ ކޮށްފައިވާ ކަމާއި ޣައްޒާގެ ފުރަބަންދު ހަރުކަށި ކުރާނެ ކަމަށް ބުނެފައިވާ ކަން ވެސް ކޯޓުގައި އެންކުންކައިޓޯބީ ވިދާޅުވިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ދެކުނު އެފްރިކާއިން ވަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ވަޤުތުން ހުއްޓައިލުމުގެ ޢަމުރެއް ނެރުމަށް ކޯޓުގައި އެދިފައެވެ.
ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ދުނިޔޭގެ ކޯޓުގައި ފެށި ނަމަވެސް އެ ކޯޓުގެ އެއްވެސް ނިންމުމަކަށް ޔަހޫދީން އިޙުތިރާމު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް 2022 ވަނަ އަހަރުގެ މާރިޗު މަހު އެ ކޯޓުން ޙުކުމް ކޮށްފައިވެއެވެ. ނަމަވެސް ރަޝިޔާއިން ވެސް އެ ޙުކުމަށް އިޙުތިރާމު ކޮށްފައެއް ނުވެއެވެ.
ފަލަސްޠީނަކީ އައިސީޖޭގެ ފުރިހަމަ މެންބަރު ޤައުމެއް ނޫނެވެ. ނަމަވެސް އެ ކޯޓުން ވަނީ ފަލަސްޠީނަށް އޮބްޒާވަރެއްގެ މަޤާމު ދީފައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާާނާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ. ހުސްވި ނޮވެންބަރު މަހު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޕްރިޓޯރިޔާގައި ހުންނަ ޔަހޫދީންގެ އެމްބަސީ ބަންދުކޮށް ޔަހޫދީންގެ ދަޢުލަތާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލަން ފާސް ކޮށްފައެވެ.
ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ވެސް ދަނީ ޣައްޒާގެ ޢުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންނެވެ. ކޯޓުން އެ މައްސަލައިގެ ތަހުޤީޤު ހިންގަމުން ދިޔަ ނަމަވެސް، ތުހުމަތު ކުރެވޭ އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ. ޔަހޫދީ ދަޢުލަތަކީ އައިސީސީގެ މެންބަރެއް ނޫނެވެ. އަދި ޔަހޫދީން އެ ކޯޓުގެ އިހުތިސާސް ބަލައިނުގަންނަ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.