ޚަބަރު

އީރާނުން އަނެއްކާވެސް ތެޔޮ ބޯޓެއް ހިފަހައްޓައިފި


ގަލްފް އޮފް އޮމާން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ތެޔޮ ބޯޓެއް އީރާނުގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ މާޝަލް އައިލެންޑްސްގެ ދިދައިގެ ދަށުން ދަތުރުކުރާ ސެއިންޓް ނިކޮލަސްގެ ނަން ދީފައިވާ ތެޔޮ ބޯޓު ހިފަހައްޓާފައި ވަނީ ހުސްވި އަހަރު އެމެރިކާއިން އީރާނުގެ ތެޔޮތަކެއް ހިފެހެއްޓުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. އެމެރިކާއިން އެ އުޅަނދު ހިފަހައްޓައި އޭގައި ހުރި އީރާނުގެ ތެޔޮ ވަގަށް ގެންދިޔުމުން އީރާނުން ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އަދި އެ ކަމުގެ ބަދަލު ހިފާނެ ކަމުގައި އީރާނުން ބުންޏެވެ.

ހުސްވި އަހަރު އެމެރިކާއިން ވެސް ހިފަހައްޓާފައި ވަނީ ހަމަ އެ އުޅަނދެވެ. އެއިރު އެ އުޅަނދު ދަތުރު ކޮށްފައި ވަނީ އެހެން ނަމެއްގެ ދަށުންނެވެ. "އެމެރިކާއިން ހުސްވި އަހަރު އީރާނުގެ ތެޔޮ ވަގަށް ގެންދިޔުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން ވަނީ ސެއިންޓް ނިކޮލަސް ތެޔޮ ބޯޓު ހިފަހައްޓާފައި. އެ އުޅަނދު ހިފަހައްޓާފައި ވަނީ ކޯޓު ޢަމުރެއްގެ ދަށުން. އެ އުޅަނދު މިހާރު ދަނީ އީރާނުގެ ބަނދަރަށް ދަތުރު ކުރަމުން،" އީރާނުގެ ކަނޑުގެ ސިފައިން ބުންޏެވެ.

އެމެރިކާގެ ދިފާޢީ އިދާރާއިން ބުނީ އީރާނުން އެ އުޅަނދު ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައެވެ. އެ އުޅަނދުގައި ތިބި 19 ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 18 ފަޅުވެރިންނާއި ގްރީސްގެ ކެޕްޓަނެކެވެ.

ކަނޑު އުޅަނދުފަހަރަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ އެމްބްރީން ބުނީ އީރާނުގެ ކަނޑުގެ ސިފައިން އަރައި ތެޔޮ ބޯޓު ހިފަހައްޓާފައި ވަނީ އޮމާނުގެ ރަށެއް ކަމުގައިވާ ޞަޙާރްގެ އައްސޭރިފަށުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި، އެއަށް ފަހު އެ އުޅަނދުގެ އޭއައިއެސް ޓްރެކިންގ ނިޒާމު ނިވައިލާފައިވާ ކަމަށާއި އީރާނުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ބަންދަރް ޖާސިކާ ދިމާލަށް އެ އުޅަނދު ދަތުރު ކުރަމުންދާ ކަމުގައި އެމްބްރީން ބުނެއެވެ.

ސެއިންޓް ނިކޮލަސްއަކީ ގްރީސްގެ ކުންފުންޏެއް ކަމުގައިވާ އެމްޕަޔަރ ނެވިގޭޝަންގެ އުޅަނދެކެވެ. އީރާނުން އެ އުޅަނދު ހިފަހައްޓާފައި ވަނީ ޢިރާޤުގެ ބަޞަރާއިން ތެޔޮ ބަރުކޮށްގެން ތުރުކީވިލާތުގެ އަލިޔާއާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ އުޅަނދުގައި ހުރީ ތުރުކީވިލާތުގެ ތެޔޮ ސާފުކުރާ ކުންފުންޏެއް ކަމުގައިވާ ޓުޕްރާޝްގެ ތެލެވެ. އެ ކުންފުނިން ބުނީ އީރާނުން ސެއިންޓް ނިކޮލަސް ހިފަހެއްޓި ނަމަވެސް އެ ކުންފުންޏަށް އަސަރު ކޮށްފައި ނުވާ ކަމުގައެވެ. އެ އުޅަނދުގައި 145,000 މެޓްރިކް ޓަނުގެ ތެޔޮ ހުރި ކަމުގައި ވެސް އެ ކުންފުނިން ބުނެއެވެ.