ޚަބަރު

އެމެރިކާގެ އިތުރު އާގުބޯޓަކަށް ޙޫޘީން ޙަމަލާ ދީފި


ޢަދަން ކަނޑުން ދަތުރު ކުރަމުންދިޔަ އެމެރިކާގެ އާގުބޯޓަކަށް ޙަމަލާ ދީފައިވާނެކަން ޔަމަންގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން ބުނީ ޙަމަލާ ދީފައި ވަނީ ކެމް ރޭންޖަރގެ ނަން ދީފައިވާ އުޅަނދަކަށް ކަމުގައެވެ. އެ އުޅަނދަށް ޙަމަލާދީފައި ވަނީ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ބޭނުންކުރާ މިސައިލްތަކެއް ބޭނުން ކޮށްގެން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.

ނަމަވެސް، އެމެރިކާއިން ބުނީ ކެމް ރޭންޖަރ އުޅަނދަށް ޙަމަލާ ދިނުމަށް ހޫޘީން ކޮށްފައިވާ މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމުގައެވެ. އަދި އެ އުޅަނދަށް ޙަމަލަދޭން ހޫޘީން ބޭނުން ކުރި މިސައިލްތައް އޭގެ އަމާޒަށް ވާސިލުވެފައި ނުވާ ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.

މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ ފައުޖު ބަލަހައްޓާ ސެންޓްރަލް ކޮމާންޑުން ބުނީ، ޗެމް ރޭންޖަރއަށް ޙަމަލާދޭން ހޫޘީން ދެ ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވާ ކަމަށާއި އެ މިސައިލްތައް ބޯޓު ކައިރިން ކަނޑަށް ވެއްޓިފައިވާ ކަމުގައެވެ. އަދި އެއީ މާޝަލް އައިލެންޑްސްގެ ދިދައިގެ ދަށުން ދަތުރުކުރާ ގްރީސްގެ އުޅަނދެއް ކަމަށާއި އެ ޙާދިޘާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ވެސް އަދި އުޅަނދަށް ވެސް ނުރައްކާވެފައި ނުވާ ކަމުގައި ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ މަޢުލޫމާތު ބަލަހައްޓާ މެރިން ޓްރެފިކް ކުންފުނިން ބުނީ ކެމް ރޭންޖަރއަކީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއިން ފުރައިގެން ކުވެއިތަށް ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމުގައެވެ. ކަނޑުމަތީގެ އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ އެމްބްރީން ބުނީ އެ ސަރަޙައްދުން ދަތުރު ކުރަމުންދިޔަ އެހެން އުޅަނދެއްގައި ޙާދިޘާއެއް ހިނގާފައިވާ ކަމަށާއި އިންޑިޔާގެ އަސްކަރީ މަނަވަރަކުން ޙާދިޘާ ހިނގި އުޅަނދު ކައިރީގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމުންނެވެ. ޙަމަލާތައް ދީފައި ވާނީ ޔަހޫދީންނާ ގުޅުންހުރި މުދާ އުފުލާ އުޅަނދުފަހަރަށް ކަމުގައި ހޫޘީން ބުނެއެވެ.

ހޫޘީންގެ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުން މުދާ އުފުލާ އުޅަނދުފަހަރުތައް ހިންގާ ކުންފުނިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައެވެ. އެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރު ޙިމާޔަތް ކުރުމުގެ ނަމުގައެވެ. އެ ކަމާ ގުޅިގެން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން ރަޝިޔާއިން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ކަމަށް ސިޔާސީ ޙައްލެއް ހޯދުމަށް ރަޝިޔާއިން ވަނީ އެމެރިކާއަށް ގޮވައިލާފައެވެ. އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ވިދާޅުވީ މި ވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ޔަމަނަށް ބޮން އެޅުން ހުއްޓައިލުން ކަމުގައެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ބޮން އަޅަމުންދާނަމަ ހޫޘީންނާ އެކު މަޝްވަރާ ކުރުމުގެ ފުރުޞަތު ގެއްލޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.