ޔަހޫދީންނާ ސިޔާސީ ގުޅުން ގާއިމު ކުރުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދިޔަ މަޝްވަރާތައް އަލުން ފަށާނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމުން ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ.
އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރާ ރީމާ ބިންތު ބަންދަރް ވިދާޅުވީ ޔަހޫދީންނާ އެކު އެއްވެސް މަޝްވަރާއެއް ދެން ކުރެވޭނީ ޣައްޒާގައި ހިންގަމުންދާ ޢުދުވާން ހުއްޓައިލުމުން ކަމުގައެވެ. އެ ކަމަނާ އެ ކަން ހާމަ ކުރައްވާފައި ވަނީ ސްވިޓްޒަލެންޑުގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އިޤުތިޞާދީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ރަސްކަމުގެ [ސަޢޫދީ ޢަރަބިއްޔާގެ] ސިޔާސަތުތައް ބިނާވެފައި އޮތީ [ޔަހޫދީންނާ] ގުޅުން ބަދަހި ކުރުމުގެ މައްޗަކަށް ނޫން. އެ ސިޔާސަތުތައް ބިނާވެފައި ވަނީ ޞުލްޙައާއި ކުރިއެރުމާއި ތަރައްޤީގެ މައްޗަށް،" އަމީރާ ރީމާ ވިދާޅުވިއެވެ.
"މި ރަސްކަމުގެ ސިޔާސަތުތައް ވަރަށް ސާފު. [ޣައްޒާގެ] ބިމުގައި ހަމަނުޖެހުން ހިންގައި [މުސްލިމުން] ޝަހީދު ކުރަމުންދާ ހިނދު، ކުރިއަށް އޮތް ދުވަހާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެއް ނޯންނާނެ،" އަމީރާ ރީމާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ ޔަހޫދީންގެ ދަޢުލަތް ބަލައިގަތުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކަށެވެ.
ޔަހޫދީންގެ ދަޢުލަތް ސަޢޫދީ ޢަރަބިއްޔާއިން މިއަދާ ޖެހެންދެން ވެސް ބަލައިގަނެފައެއް ނުވެއެވެ. 2020 ވަނަ އަހަރު އެމެރިކާއިން އިސްވެ އެކުލަވައިލި އިބްރާހީމް މުޢާހަދާގެ ދަށުން ގަލްފުގެ ބައެއް ޤައުމުތަކުން ޔަހޫދީންނާ ސިޔާސީ ގުޅުން ޤާއިމު ކުރިއެވެ. ނަމަވެސް އެ ލިސްޓުގައި ސަޢޫދީ ޢަރަބިއްޔާއެއް ނުހިމެނެއެވެ. އެ ފަހަރު ޔަހޫދީންނާ ގުޅުން ޤާއިމު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އާއި މަޣްރިބު ހިމެނެއެވެ.
ޔަހޫދީންނާ ގުޅުން ޤާއިމު ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ބާރު އަޅަމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި އޭނާގެ ސަރުކާރުންނެވެ. އެ ކަމާ ގުޅޭ ގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވާހަކަފުޅު ދައްކަވަމުން ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ ގުޅުން ޤާއިމު ކުރުމާ ގުޅޭ ގޮތުން ޔަހޫދީންނާ އެކު މަޝްވަރާ ކުރި ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިން އަބަދު ވެސް އެންމެ ފުރަތަމަ އިސް ކުރާނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މަސްލަޙަތު ކަމުގައެވެ.
ގުޅުން ޤާއިމު ކުރުމާ ގުޅޭ ގޮތުން ކުރަމުންދިޔަ މަޝްވަރާތައް މަޑުޖެހިފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,620އަށް އަރައެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 61,830އަށް އުފުލިފައެވެ.