ފަލަސްޠީނުގެ ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައި އޮންނަތާ ހަފުތާއެއް ފާއިތުވުމުން އެތަކެއް ހާސް ބަޔެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި މުވާސަލާތީ ޚިދުމަތްތަކާ ބެހޭ ޖަމުޢިއްޔާތަކުން ބުނެފިއެވެ.
ޔަހޫދީ ފައުޖުން ޣައްޒާގެ މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައި ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގެ ޚަބަރުތަކާއި މަޢުލޫމާތާއި މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އެ ކަމުގެ ސަބަބުން އެތަކެއް ހާސް ބަޔެއްގެ ފުރާނައަށް ނުރައްކާވެފައި ވަނީ ޔަހޫދީންގެ ޙަމަލަތަކުގައި ޒަޚަމުވެފައިވާ މީހުން ހޯދައި އެ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތްތައް މުވާސަލާތީ ޚިދުމަތްތަކުގެ މައްޗަށް ބަރޯސާވެފައި ވުމުގެ ސަބަބުންނެވެ. މުވާސަލާތީ ޚިދުމަތަކީ އެމްބިޔުލާންސްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ޖަމުޢިއްޔާތަކާއި ހޮސްޕިޓަލްތަކަށް ކޮންމެހެން ބޭނުންވާ ޚިދުމަތެކެވެ.
މީގެ އިތުރުން، ޔަހުދީންގެ ޢުދުވާނާ ގުޅިގެން ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމުގައި ވެސް މުވާސަލާތީ ޚިދުމަތްތަކުން މުހިންމު ދައުރެއް އަދާ ކުރެއެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. އެ މީހުންނާ ބެހޭ މަޢުލޫމާތު އެއްކޮށް، އެ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް މުވާސަލާތީ ޚިދުމަތްތައް ކަނޑައިލުމާ އެކު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
"ޣައްޒާގެ މުސްލިމުންނަށް މަޖުބޫރު ކުރުވާފައިވާ ހާލަތާއި ކުރިމަތިލާން ޖެހިފައިވާ ނިކަމެތި ހާލަތާއި އަނިޔާތަކަށް ބަލާއިރު، މުވާސަލާތީ ޚިދުމަތްތަކަކީ ކުޅޭކުޅޭ އެއްޗެއް ނޫން،" ޑިގިޓަލް ހައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އެކްސެސް ނައުގެ ޕޮލިސީ އެންޑް އެޑްވޮކަސީ ޑިރެކްޓަރ މަރްވާ ފަތަފްޠާ ވިދާޅުވިއެވެ.
އިންޓަނެޓުގެ ޚިދުމަތަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ފަތަފްޠާ ވަނީ ޣައްޒާއަށް އަލުން މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓުގެ ޚިދުމަތްތައް ގުޅައިދިނުމަށް ޔަހޫދީންނާ ގޮވައިލައްވާފައެވެ. ނަމަވެސް، މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާއި، ގަތުލުއާންމާއި ލޭއޮހޮރުވުންތަކުގެ މަންޒަރު ދުނިޔޭގެ ލޯތަކަށް ފޮރުވަން ޔަހޫދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކަަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ގިނަ ޢަދަދެއްގެ ނޫސްވެރިންނާއި އެ މީހުންގެ ޢާއިލާތައް ޝަހީދު ކޮށްލާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ޣައްޒާގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ޕަލްޓެލް ކުންފުނިން ބުނީ ޔަހޫދީ ފައުޖުން ޣައްޒާގެ އިންޓަނެޓުގެ ޚިދުމަތްތައް ކަނޑައިލާފައި ވަނީ ޖަނަވަރީ 12 ވަނަ ދުވަހު ކަމުގައެވެ. އެއީ އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައިވާ ނުވަވަނަ ފަހަރު ކަމުގައި ނެޓްބްލޮކްސް ކުންފުނިން ބުނެއެވެ.