އެން އާލާ ކުރުން މަސްވެރިކަމުގެ ވަކި ދާއިރާއެއްގެ ގޮތުގައި ފުޅާވެގެން ދިޔުމަކީ އުއްމީދެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރުމިހެން ވިދާޅުވީ ރެސްކިއު ޑައިވަރުން ތަމްރީން ޕްރޮގްރާމް ފެށުމަށްޓަކައި ގދ. މަޑަވެލީގައި ބޭއްވި ހަފްލާގައި ދެއްކެވިވާހަކައިގައެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާނެރެވޭނެ މަސައްކަތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ހުވަދު އަތޮޅުގައި އެން އާލާ ކުރުމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ގއ. މާނަގަލާގައި އެފަދަ ވަސީލަތެއް ގާއިމްވެގެންއެދަނީ، މަސައްކަތް ބަޔަކާއި ހަވާލުކުރެވި، އުއްމީދަކީ މިއަހަރުތެރޭ މަސްވެރި މާކެޓަށް އެން ނެރުން،" މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.
މިއާ އެކު މަސްވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ކަނޑުގެ ވަސީލަތްތަކުން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލަމުންދާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. މިކަމަށްޓަކައި ހިނގާނެ ހަރަދުތަކާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމުވަނީ މަސްވެރިކަމުގެ ސިނާއަތްތަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން މަސްވެރިންނަށް ދެއްވާފައެވެ.
އެގޮތުން މިހާރު މަސްވެރިންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކިރާ މަހަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ކަމަށާއި، އެކަމަށްވެސް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޝިޔާމު ވިދާޅުވިއެވެ.
"ދައުލަތުގެ މާލީ ހާލަތު މިވަގުތު ހުރިގޮތުން ފައިސާ ދިނުމުގައި ދަތިތަކެއް އެބަހުރި، އެކަން ހައްލުކުރުމުގެ މަސައްކަތް ރައީސް ރެއާ ދުވާލު އެބަ ކުރައްވާ، ޔަޤީންކަން އެބައޮތް މަސްވެރިންނާ ފައިސާ ދެވޭނެ އިންތިޒާމް ރައީސް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމުގެ،" މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަން ހުރި މަސައްކަތްތައްވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ދެކުނުގެ މަސްވެރިންކަމަށް އަމާޒުކޮށްގެން މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.