ޔަހޫދީ އިސްތިޢުމާރީ ފައުޖުން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރަށް ނިޞްބަތްވާ ބަޔަކު ޝަހީދުކޮށްލައިފިއެވެ. ދިމިޝްޤަށް ޔަހޫދީން ދިން މިސައިލް ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އިންޤިލާބީ ލަޝްކަރުގެ އިންފޮމޭޝަން ޔުނިޓުގެ އިސްވެރިއެއް ވެސް ހިމެނެއެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ބަޔަކު ޝަހީދުކޮށްލާފައިވާކަން އެ ޤައުމުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީންގެ މިސައިލް ޙަމަލާ އަމާޒު ކޮށްފައި ވަނީ ދިމިޝްޤުގައި އީރާނުގެ މުޝީރުން ދިރިއުޅޭ ޢިމާރާތަށް ކަމުގައި އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ބުންޏެވެ.
ދިމިޝްޤުގެ އަލް-މައްޛާ އަވަށުގައި ހުންނަ ޢިމާރާތަށް ޙަމަލާ ދޭން ޔަހޫދީ ފައުޖުން ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާތަކެއް ފޮނުވައިލާފައިވާ ކަމުގައި ސޫރިޔާއިން ބުނެއެވެ. ނަމަވެސް އެ ޤައުމުގެ ދިފާޢީ ބާރުން ވަނީ ގިނަ މިސައިލްތަކެއް ދިފާޢުކޮށް ވައްޓައިލާފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުޝީރުން ދިރިއުޅޭ ޢިމާރާތް އެއްކޮށް ވަނީ ސުންނާފަތިވެފައެވެ. އެ ޙަމަލާގައި އިތުރު ތިން މީހަކު ޒަޚަމުވެފައިވެއެވެ. އޭގެ ތެރޭގައި އަންހެނެއް ހިމެނޭ ކަމުގައި ދިމިޝްޤުގެ އަލް-މުވާސާތު ހަސްފަތާލުން ބުނެއެވެ.
ސޫރިޔާއާއި ލީބިޔާގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރިކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ އެއްވެސް ހަނގުރާމަވެރިއެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
މިދިޔަ ޑިސެންބަރު މަހު ވެސް ޔަހޫދީ ފައުޖުން ވަނީ ދިމިޝްޤަށް ބޮންއަޅައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ދެ މެންބަރުންނާއި އެ ލަޝްކަރުގެ އިސް މުޝީރެއް ޝަހީދު ކޮށްލާފައެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އިސްވެރިން ސޫރިޔާގައި ޙަރަކާތްތެރިވަނީ އެ ޤައުމުގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.