ޚަބަރު

ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ޙަމަލާތަކެއް ދީފި


ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ބަޔަކު ޒަޚަމުކޮށްލައިފިއެވެ. ބެލިސްޓިކް މިސައިލާއި ރޮކެޓް ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޢައިން އަލް-އަސަދު އަސްކަރީ މަރުކަޒަށެވެ. އެ ޙަމަލާތަކުގައި ޢިރާޤު ސިފައިންގެ މީހަކު ވެސް ޒަޚަމުވިއެވެ.

އެމެރިކާގެ އަސްކަރީ މަަރުކަޒަށް ޙަމަލާ ދީފައި ވަނީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ނަމަވެސް މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޙަރަކާތްތައް ވިލަރެސްކުރާ ޔޫއެސް ސެންޓްރަލް ކޮމާންޑުން ބުނީ ޙަމަލާތަކުގެ ފަހަތުގައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށް ބެލެވޭ ކަމުގައެވެ. އެ ޙަމަލާތަކުގައި އެމެރިކާ ސިފައިންނަށް ލިބިފައި ވަނީ ކޮން އަނިޔާތަކެއްކަން ސެންޓްރަލް ކޮމާންޑުން ބުނެފައެއް ނުވެއެވެ.

ޢައިން އަލް-އަސަދު މަރުކަޒަށް ދީފައި ވަނީ ނުރައްކާތެރި ޙަމަލަތަކެއް ކަމަށް ޢިރާޤުގެ ސަލާމަތީ ބާރުތަކުން ސިފަކޮށްފައެއް ނުވެއެވެ. ނަމަވެސް ޔޫއެސް ސެންޓްރަލް ކޮމާންޑުން ބުނީ އެ މަރުކަޒަށް ޙަމަލާ ދޭން ފޮނުވައިލި ގިނަ ރޮކެޓްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި ޙަމަލާތަކުގައި މަރުކަޒަށް ލިބިފައިވާ ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ޤައުމުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ދޭ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ޙަމަލާތައް އިތުރު ކޮށްފައި ވަނީ ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އޭގެ ފަހުން ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 58 ޙަމަލާއެއް ދީފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް ތަފާތު 83 ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި ބާރުގަދަ ރޮކެޓާއި ޑްރޯން ފަދަ ހަތިޔާރު ވަނީ ބޭނުން ކޮށްފައެވެ.

އެއީ ޣައްޒާގެ މުސްލިމުން ޤަތުލު ކުރުމަށް ޔަހޫދީން ފަށާފައިވާ ޢުދުވާނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭތީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެކެވެ. ޔަހޫދީންގެ ޢުދުވާން ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެ ޤައުމުން ފޯރުކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.

2014 ވަނަ އަހަރު އައިއެސް ޖަމާޢަތާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވާން އެމެރިކާއިން ފޮނުވި ސިފައިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އަދިވެސް ޢިރާޤާއި ސޫރިޔާގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އެ ގޮތުން ސޫރިޔާގައި އެމެރިކާގެ 900 ސިފައިން އަދި ޢިރާޤުގައި އެމެރިކާގެ 2,500 ސިފައިން އަދިވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް ފައްޓަވާފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ދާދި ފަހުން ވަނީ އިޢުލާނު ކުރައްވާފައެވެ. އޭނާ އެ ކަން އިޢުލާނު ކުރައްވާފައި ވަނީ ވެރިރަށް ބަޣްދާދަށް އެމެރިކާ ސިފައިން ދިން ނުރައްކާތެރި ޑްރޯން ޙަމަލާތަކަކާ ގުޅިގެންނެވެ. ޢިރާޤުން އެމެރިކާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާތައް އެ ޤައުމާ އެކު ފަށާފައިވާ ކަމުގައި ސޫދާނީގެ ރަސްމީ އިދާރާއިން ބުނެއެވެ.