އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރާއި ލުބްނާނުގެ ޙިޒްބުالله ޖަމާޢަތުގެ ކޮމާންޑަރުން ޔަމަނުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. އީރާނުގެ އަސްކަރިއްޔާއާއި ޙިޒްބުاللهގެ ކޮމާންޑަރުން ޔަމަނުގައި ޙަރަކާތްތެރިވާން ފަށާފައި ވަނީ އެ ޤައުމުގެ ބޮޑު ސަރަޙައްދެއްގައި ވެރިކަން ކުރާ ހޫޘީ ޖަމާޢަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އީރާނާއި ޙިޒްބުاللهން ޔަމަނަށް ކޮމާންޑަރުން ފޮނުވާފައި ވަނީ ރަތް ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ހޫޘީންގެ ޙަމަލާތަކުން މުދާއުފުލާ އުޅަނދުފަހަރަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަމުންދާ ދަނޑިވަޅެއްގައެވެ. ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އެމެރިކާއިން އަލުން ވަނީ ކަނޑައަޅާފައެވެ.
ހޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ ރަށްތަކަށް މުދާ ގެންދާ އަދި ޔަހޫދީންނާ ގުޅުން ހުރި އުޅަނދުފަހަރަށެވެ. އެއީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެކެވެ. ހޫޘީންގެ ބޭނުމަކީ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލަން ބާރު އެޅުމެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާއަށް ބޮން އަޅަން ފެށުމުން އީރާނުން ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުން އިތުރު ކޮށްފައިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. ހޫޘީންނަކީ އީރާނުން ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެކުލަވައިލާފައިވާ އެކްސިސް އޮފް ރެސިސްޓެންސްގެ މުހިންމު ބައިވެރިއެކެވެ. ހޫޘީންނަށް ހަތިިޔާރު ފޯރުކޮށްދިނުމުގެ އިތުރުން އީރާނުން އެ ޖަމާޢަތަށް އަސްކަރީ ތަމްރީނާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.
އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އީރާނުން ހޫޘީންނަށް ފޯރުކޮށްދެމުންދާ ހަތިޔާރުގެ ތެރޭގައި އަސްކަރީ ޑްރޯނާއި ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލްގެ އިތުރުން މެދު ރާސްތާގެ މިސައިލް ހިމެނެއެވެ. ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންގެ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ހޫޘީން ބޭނުން ކުރަމުން ދަނީ އެ ހަތިޔާރުތައް ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާއާއި ޙިޒްބުاللهގެ ކޮމާންޑަރުންގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނީ އެ ޓީމުގެ މަސައްކަތަކީ ހޫޘީންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އަސްކަރީ އަދި ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން ކަމުގައެވެ. ހޫޘީން ރަތް ކަނޑުގައި ދެމުންދާ ޙަމަލާތަކުގެ މޭސްތިރިއަކީ އީރާން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. އަދި އެ ޙަމަލާތައް ދިނުމަށް ޢަމުރުކޮށް ޙަމަލާތައް ރާވާފައި ވަނީ ވެސް އީރާނުން ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.
އީރާނުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވީ ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހޫޘީން ދެމުންދާ ޙަމަލާތަކުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައެވެ. އެ ކަމާ ގުޅޭ ގޮތުން އީރާނުގެ އިންޤިލާބީ ލަޝްކަރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ހޫޘީން ވެސް ވަނީ އެ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި އީރާނުގެ ބައިވެރިވުން އޮތް ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. ޙޫޘީންގެ ތަރުޖަމާނު މުޙައްމަދު ޢަބްދުއްސަލާމް ވިދާޅުވީ އެ ޖަމާޢަތުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކަށް އީރާނުން ވެސް އަދި ޙިޒްބުاللهން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ނުދާ ކަމުގައެވެ.
ހޫޘީންނަކީ 1962 ވަނަ އަހަރާ ޖެހެންދެން ޔަމަނުގައި ވެރިކަން ކުރި ޝިޢީންގެ ޒަޔީދީ ދަރިކޮޅަށް ނިސްބަތްވާ ޖަމާޢަތެކެވެ. އެ ދަރިކޮޅުގެ ވެރިކަން 1,000 އަހަރަށް ދެމިގެން ދިޔައެވެ. ނަމަވެސް 1990ން 2012އަށް ޔަމަނުގައި ވެރިކަން ކުރެއްވި ޢަލީ ޢަބްދުالله ޞާލިޙްގެ ސަރުކާރުން އެ ދަރިކޮޅާ މެދު އިހާނެތިކޮށް ހިތާފައިވާ ކަމަށް ހޫޘީން ގަބޫލު ކުރެއެވެ.
2021 ވަނަ އަހަރު ހޫޘީން ތެދުވެ ޔަމަނުގެ ސަރުކާރު ވައްޓައިލާފައި ވަނީ އީރާނުގެ އެހީތެރިކަމާ އެކުގައި ކަމަށް ބެލެވެއެވެ. ހޫޘީންނަކީ މިހާރު އެމެރިކާއާއި ޔަހޫދީންގެ ބާރުވެރިކަމާ ދެކޮޅަށް އީރާނުން އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިޙާދެއް ކަމުގައިވާ އެކްސިސް އޮފް ރެސިސްޓެންސްގެ މުހިންމު ބައިވެރިއެވެ. އެ އިއްތިޙާދުގައި ހޫޘީންގެ އިތުރުން ލުބްނާނުގެ ޙިޒްބުالله ޖަމާޢަތާއި ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނެއެވެ.