ޚަބަރު

ޙަމަލާއަކާ ގުޅިގެން ރަޝިޔާގެ ތެޔޮ ބޭރުކުރާ ކާރުޚާނާއެއް ބަންދު ކޮށްފި


ބޯލްޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ރަޝިޔާގެ ތެލާއި ގޭސް ބޭރުކުރާ ކާރުޚާނާއަކަށް ދީފައިވާ ޑްރޯން ޙަމަލައަކާ ގުޅިގެން އެ ތަން ބަންދު ކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ނޮވަޓެކް ކުންފުނިން ހިންގާ ކާރުޚާނާއަށް ޙަމަލާ ދީފައި ވަނީ ޔޫކްރެއިނުން ކަމަށް ބެލެވެއެވެ. އެ ތަނަށް ޙަމަލާ ދީފައި ވަނީ ޑްރޯނެއް ބޭނުން ކޮށްގެން ކަމުގައި ޔޫކްރެއިންގެ މީޑިޔާއިން ބުނެއެވެ. އެ ޙާދިޘާގައި އެ ކާރުޚާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ސެއިންޓް ޕީޓާސްބާގާ 170 ކިލޯމީޓަރު ދުުރުގައި އޮންނަ އުސްތުލޫގާ ކާރުޚާނާއަށް ދީފައިވާ ޙަމަލާއާ ގުޅިގެން އެ ތަނުގައި ނުރައްކާތެރި އަލިފާނުގެ ޙާދިޘާއެއް ހިނގާފައިވެއެވެ. އެއީ ރަޝިޔާއިން ތެލާއި ގޭސް ބޭރު ކުރަން ބޭނުން ކުރާ މައި ކާރުޚާނާއެކެވެ. އެ ތަނުން އަލުން ޚިދުމަތް ދޭން ފެށޭނެ ތާރީޚެއް ސާފެއް ނޫން ކަމުގައި ނޮވަޓެކް ކުންފުނިން ބުނެއެވެ. އެއާ އެކު، ތެލާއި ގޭހުގެ އަގުތަކަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އުސްތުލޫގާ ކާރުޚާނާއަށް ދީފައިވާ ޑްރޯން ޙަމަލާއާ ގުޅިގެން، ރަޝިޔާއިން ވަނީ އެ ޤައުމުގެ ލިނިންގްރާދް ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި އެ ސަރަޙައްދަށް ވަންނަ ހުރިހާ ޑްރޯނެއް ވައްޓައިލުމަށް ސަލާމަތީ ބާރުތަކަށް ޢަމުރު ކޮށްފައިވާ ކަމުގައި ލިނިންގްރާދްގެ އޮފިޝަލުން ބުނެއެވެ. އުސްތުލޫގާއަށް ދީފައިވާ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

ޔޫކްރެއިންގެ އިންޓަފެކްސް ނޫސް އޭޖެންސީން ބުނީ އުސްތުލޫގާ ކާރުޚާނާއަށް ޙަމަލާ ދީފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ ޙަރަކާތެއްގެ ތެރެއިން ކަމުގައެވެ. އެ ކާރުޚާނާއަކީ ރަޝިޔާގެ އިޤުތިޞާދަށް މުހިންމު ތަނެއް ކަމަށާއި އެ ތަނަށް ދީފައިވާ ޙަމަލާއާ އެކު ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ބޭނުން ކުރާ އަސްކަރީ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމަށް އަސަރު ކޮށްފައިވާ ކަމުގައި ވެސް އެ އޭޖެންސީން ބުނެއެވެ.

އުސްތުލޫގާ ކާރުޚާނާއަށް ޙަމަލާ ދީފައި ވަނީ ޔޫކްރެއިނުން ކަމުގައިވާ ނަމަ، އެ ކަމުން ދޭހަ ކޮށްދެނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުވަމުންދާ މިންވަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަދި ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހިންގަމުންދާ ރައްދު ޙަމަލާގެ ދަށުން ޔޫކްރެއިނުން ދުރު ރާސްތާގެ ދިފާޢީ ޑްރޯންތައް ކާމިޔާބު ކަމާ އެކު އުފައްދަމުންދާކަން ހާމަވާ ކަމުގައި ވެސް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ދޮންބާސް ސަރަޙައްދުގެ ދޮންޔެސްކަށް ވެސް ދާދި ފަހުން ޔޫކްރެއިނުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ސިފައިން ބުނީ ޔޫކްރެއިންގެ އާޓިލަރީ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވެ، 25 މީހުން މަރުވި ކަމުގައެވެ.

ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ވަނީ ޔޫކްރެއިންގެ ހަރްކިވް ސަރަޙައްދުގައި އޮންނަ އަވަށަކަށް އަތްގަދަ ކޮށްފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ސިފައިން ހަރްކިވްގެ ކްރޯޚްމަލްނަ އަވަށް ހިފާފައިވާ ކަމުގައެވެ. އަދި އެ އަވަށުގައި ތިބި ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސާފައިވާ ކަމުގައެވެ. ދޮންޔެސްކުގެ އެހެން އަވަށެއް ކަމުގައިވާ ވަސެލޭ ވެސް މިހާރު އޮތީ ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށުގައި ކަމަށް އެ ޤައުމުން ބުނެއެވެ.

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ އިތުރު ރަށްތަކެއް ކަމުގައިވާ ކޫޕިއަންސްކާއި ލިމާންގެ އިތުރުން އަވްދިޔިވްކާ ހިފުމަށް ރަޝިޔާގެ އިސްތިޢުމާރީ ސިފައިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ކަން އަދި މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދޮންބާސްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް މިހާރު އޮތީ ރަޝިޔާގެ އަތްދަށުގައެވެ.