ޚަބަރު

އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޚާއްޞަ ފޯޓަލެއް ލޯންޗްކޮށްފި


  • އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް "ސްޓްރާޓާ ޕޯޓަލް" މިހާރު ވަނީ ލޯންޗްކޮށްފައި

  • ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާވެގެންދާނެ

  • އެއްމެދު ޢިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑް ކުރެވޭނެ

އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތެކެވެ.

މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އިބްރާހީމް ރަފީޤެވެ.

އެއްމެދު ޢިމާރާތް ނުވަތަ "ސްޓްރާޓާ ސްކީމް" އަކީ ޢިމާރާތެއް ނުވަތަ ޢިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތައް ހަދާފައިވުމާއެކު އެ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރިފަރާތްތަކުގެ މެދުގައި ހިއްސާވެ އެތަންތަން ހިންގައި ބެލެހެއްޓުމެވެ.

މިގޮތުން އެއްމެދު އިމާރާތްތަކަކީ ވަކި ޚާއްސަ ސިފަތަކެއް ލިބިގެންވާ ޢިމާރާތްތަކެވެ. އެއީ އެފަދަ އިމާރާތަކުން ޔުނިޓެއް މިލްކުކުރުމުން އެ ޔުނިޓާއި ގުޅިގެން ވަކި އުޞޫލުތަކެއްގެ ދަށުން ޢިމާރާތް ނުވަތަ ޢިމާރާތްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ނުވަތަ ހިއްސާ ލިބިގެންދެއެވެ.

ޕޯޓަލް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، މި ޕޯޓަލާއެކު އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މި ދާއިރާއިން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި ގެދޮރުވެރިކަމާއި ޢިމާރާތްކުރުމުގައި ދިމަވާ މައްސަލަތަކަށް އަދި ރަށްރަށުގައި އާބާދުވެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި އަޅުގަނޑުމެންނަށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބޭނެ ފަދަ ގޮތަކަށް ކަންތައްތައް ބައްޓަން ވެގެންދާނެ ފަދަ ގޮތަކަށް ކަންތައްތައް ރާވާ ހިންގުން." ވަޒީރު ވިދާޅުވިއެވެ.

"ސްޓްރާޓާ ޕޯޓަލް" އަކީ އެއްމެދު ޢިމާރާތްތައް ރަޖިސްޓްރީކުރުމާ އެއްމެދު ޢިމާރާތްތަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް ރަޖިސްޓަރީކޮށް ސަރުކާރުން ރެގިއުލޭޓްކުރުމަށް މަގުފަހިވެގެން ދާނެ ޕޯޓަލެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްޤީކުރާ މަޝްރޫޢުތައް އެއްމެދު ޢިމާރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކުރުމާއި ގަނެވިއްކުމާއި އަދި ހިންގައި ބެލެހެއްޓުމާގުޅޭ ކަންކަން މަގުފަހިކުރުމަށް ފަރުމާކުރެވިފައިވާ ޕޯޓަލެކެވެ.

މި ގޮތުން ކުރިމަގުގައި މި ޕޯޓަލް ވެގެންދާނީ ސަރުކާރުގެ އިދާރާތަކާއި އަދި އެނޫންވެސް ގުޅުންހުރި ހުރިހާ އިދާރާތަކާއި ގުޅުވާލެވިގެން އަކަމާ ގުޅުންހުރި ހުއްދަތައް ދޫކުރެވިގެންދާނެ ޕޯޓަލްއަކަށްކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޕޯޓަލް ވެގެންދާނީ މުޅި ރާއްޖޭގެ އެއްމެދު ޢިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑް ކުރެވިގެންދާނެ ޕޯޓަލަކަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.