ޚަބަރު

އުރުދުނުން ޙަމަލާ ދެނީ ސަބަބެއް ނެތި: ސޫރިޔާ


އުރުދުނުން ވައިގެ ޙަމަލާތަކެއް ދިނުމުން ސޫރިޔާއިން ހިތްހަމަނުޖެހުން ފައުޅުކޮށްފިއެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް އުރުދުނުން ވަނީ ފާއިތުވި ދުވަސްތަކުގައި އެކި ފަހަރު މަތިން ސޫރިޔާއަށް ޙަމަލާ ދީފައެވެ. އުރުދުނުން ބުނެފައި ވަނީ އެ ޙަމަލާތައް ދެނީ ސޫރިޔާ މަގުން އެ ޤައުމަށް މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރުން ހުއްޓުވަން ކަމަށެވެ. އުރުދުންގެ ޙަމަލާތަކުގައި ޢާންމުންގެ ބަޔަކު މަރުވެފައިވާ ކަމަށް ސޫރިޔާއިން ތުހުމަތުކުރެއެވެ. އެ ގޮތުން އެ ޙަމަލާތަކުގައި ޢާންމުންގެ 10 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ސޫރިޔާއިން ވަނީ ބުނެފައެވެ. ނަމަވެސް އުރުދުނުން ބުނެފައި ވަނީ ޙަމަލާތައް އަމާޒުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ހަތިޔާރު އުފުލަމުންދާ ބަޔަކާ ދެކޮޅަށް ކަމަށެވެ.

އުރުދުނުން ތުހުމަތުކުރާ ގޮތުގައި އެ ޤައުމަށް ސޫރިޔާ މަގުން މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރަނީ އީރާނާ ގުޅުން އޮންނަ ޖަމާޢަތްތަކުންނެވެ. އޭގެ ތެރޭގައި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތް ހިމެނޭ ކަމަށް ވެސް އުރުދުނުން ތުހުމަތުކުރެއެވެ. އަދި އެއީ ބިލިޔަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި އެއީ އީރާނާ ގުޅުން އޮންނަ ޖަމާޢަތްތަކަށް ފައިސާ ހޯދުމަށް ކުރަމުންދާ މުޢާމަލާތްތަކެއް ކަމަށް ވެސް އުރުދުނުން ތުހުމަތުކުރެއެވެ. އެ ވިޔަފާރި ހުއްޓުވުމަށް އެމެރިކާއިން އިސްވެ ވަނީ ސޫރިޔާގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އަދި 2011 ވަނަ އަހަރުގެ ފަހުން އުރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ އެހީތެރިކަމުގެ ގޮތުގައި އެމެރިކާއިން ވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.

ފާއިތުވި ދުވަސްތަކުގައި އުރުދުންގެ އިތުރުން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވެސް ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކާ ދެކޮޅަށް ޙަމަލާ ދީފައެވެ. އަދި އީރާނުން ވެސް ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ޔަހޫދީ ޖާސޫސުންނާ ދެކޮޅަށް ޙަމަލާ ދީފައެވެ.