ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ޔަމަނަށާއި ޢިރާޤަށް އަނެއްކާވެސް ބޮން އަޅައިފިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީ އިސްތިޢުމާރީ ފައުޖާ ދެމެދު ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ހުއްޓާލުމަށް ބާރުއެޅުމަށް ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާ ދެކޮޅަށް އީރާނާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާޢަތްތަކުން ދަނީ ޙަމަލާތައް ދެމުންނެވެ. އެ ގޮތުން ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާ ދެކޮޅަށް 150އަށްވުރެ ގިނަ ޙަމަލާ އެ ޖަމާޢަތްތަކުން ވަނީ ދީފައެވެ.
ޢިރާޤުގައި ހުންނަ އައިން އަލްއަސަދު އަސްކަރީ މަރުކަޒަށް އެންމެ ފަހުން ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު ޒަޚަމުވި ކަމަށް އެ ޤައުމުން ވަނީ އިޢުތިރާފުވެފައެވެ. އެއާއެކު ޢިރާޤުގައި ޙަރަކާތްތެރިވާ ކަތައިބު ޙިޒްބުﷲ ޖަމާޢަތުގެ ތިން މަރުކަޒަކަށް އެމެރިކާއިން ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ ހަނގުރާމަވެރިން ޝަހީދުވެ އިތުރު ހަތަރު ހަނގުރާމަވެރިން ވަނީ ޒަޚަމުވެފައެވެ.
އެމެރިކާއިން މީގެ ކުރިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ވައިގެ ޙަމަލާއެއް ދިނުމުން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލްސޫދާނީ ވަނީ އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިޢުލާނުކުރައްވައިފައެވެ. ނަމަވެސް އެމެރިކާއިން ވަނީ ސިފައިން ބޭލުމަށް ޢިރާޤުން އަންގާފައިނުވާ ކަމަށާއި އެ ޤައުމުގައި އެމެރިކާއިން ތިބީ ޢިރާޤުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ބުނެފައެވެ. 2014 ވަނަ އަހަރު އައިއެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން ވަނީ ޢިރާޤަށް 2،500 ސިފައިން އަދި ސޫރިޔާއަށް 900 ފޮނުވައިފައެވެ.
އޭގެ އިތުރުން އެމެރިކާއިން އިސްވެ އެކުލަވާލައިފައިވާ އަސްކަރީ އިއްތިޙާދުން ވަނީ ޔަމަނުގެ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ވެސް ވައިގެ ޙަމަލާތަކެއް ދީފައެވެ. ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ބާރުއެޅުމަށް ޙޫޘީން ދަނީ ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ އާގުބޯޓުތަކަށް ޙަމަލާ ދެމުންނެވެ. އެއާއެކު ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ޙޫޘީންގެ މަޤާމުތަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދިނުމުގައި އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭހެން 24 ޤައުމެއް ވަނީ ބައިވެރިވެފައެވެ.