ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ދެ ހަސްފަތާލަކަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންދާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކާއި ސިފައިން މިހާރު ދަނީ ޚާން ޔޫނިސްގައި ޙަރަކާތްތެރިވަމުންނެވެ. އަދި ފަލަސްޠީނުގެ ޢާންމު ރައްޔިތުން ރައްކާތެރިކަން ހޯދަން ވަދެ ތިބި ޢިމާރާތްތަކަށް ޙަމަލާ ދެމުންނެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީއަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ ޔަހޫދީން ޙަމަލާ ދީފައި ވަނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައި އޮތް އުޅަނދެއް ކައިރީގައި ކިޔޫ ހަދާފައި ތިބި މީހުންނަށް ކަމުގައެވެ. އެ ޙަމަލާގައި ފަލަސްޠީނުގެ 20 މީހުން ޝަހީދުކޮށްލައި، 150 އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޤުދްރާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޢުދުވާންތައް މިހާރު އެންމެ ވަރުގަދަ ކޮށްފައި ވަނީ ޣައްޒާގެ ދެކުުނުގައި އޮންނަ ޚާން ޔޫނިސްގައެވެ. އެ ރަށަށް ޔަހޫދީ ސިފައިން އަރާފައި ވަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކުގައެވެ. ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ވެސް ދަނީ ޚާން ޔޫނިސްގައި ހަރަކާތްތެރިވަމުންނެވެ. ޔަހޫދީންގެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޚާން ޔޫނިސްގައި ހަސްފަތާލުތައް ހުންނަ ސަރަޙައްދުތަކަށެވެ.
ޔަހޫދީންގެ ޢުދުވާނުގެ ކުރީކޮޅު ދީފައިވާ ޙަމަލާތަކުން ސަލާމަތްވުމަށް ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ ސަހަރުގެ ދެކުނަށް ދަތުރު ކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ޚާން ޔޫނިސާއި ޣައްޒާގެ އެންމެ ދެކުނަށް އޮންނަ ރަފަޙްގައެވެ. ނަމަވެސް ޣައްޒާގެ ދެކުނުގައި ވެސް ޔަހޫދީންގެ ޢުދުވާނުން ރައްކާތެރިވެވޭނެ ގޮތެއް ނެތެވެ. ޔަހޫދީ ފައުޖުން ދަނީ ބަރުހަތިޔާރާ އެކު ޚާން ޔޫނިސް ވަށައިލާ މެދުކެނޑުމެއް ނެތި އަސްކަރީ މަތިންދާބޯޓުތަކުންނާއި އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން އެ ރަށަށް ބޮން އަޅަމުންނެވެ.
ޚާން ޔޫނިސްގައި އޮންނަ މައި ދެ ހަސްފަތާލު ކަމުގައިވާ އަލް-ނާޞިރު ހަސްފަތާލާއި އަލް-އަމަލް ހަސްފަތާލަށް ވަދެވެން އޮތް ހުރިހާ މަގެއް ޔަހޫދީ ފައުޖުން މިހާރު ވަނީ ބަންދު ކޮށްފައެވެ. ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ދެ ހަސްފަތާލުގައި ތާށިވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރެއިން އަލް-ނާޞިރު ހަސްފަތާލުން ޞިއްޙީ ފަރުވާއަށް ބޭނުން ކުރާ ސާމާނު ހުސްވަމުންދާ ކަމުގައި ޤުދްރާ ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ޚާން ޔޫނިސްގައި ހުންނަ އދގެ މަރުކަޒަކަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން އދން ކަށަވަރު ކޮށްދެއެވެ. ނަމަވެސް ޔަހޫދީ ފައުޖުން ދަނީ އެ ޙަމަލާތަކުން ރެކެން މަސައްކަތް ކުރަމުންނެވެ. އަދި އެ ތަނަށް ޙަމަލާ ދީފައި ވަނީ ޙަމާސް ޖަމާޢަތުން ކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި 210 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 25,700 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 63,000 އަށް އަރައެވެ. ޔަހޫދީން ފަހަކަށް އައިސް ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރެފިއުޖީން ތިބި ޢިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.