ޚަބަރު

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 332 މިލިއަން ރުފިޔާ


  • ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓުކުރި މަދަލުގެ އަދަދުވަނީ ދަށްވެފައި

  • 250 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވޭ

  • 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވޭ

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 332 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ޢަދަދަކީ 2022ވަނަ އަހަރުގެ ޑިސެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު 365 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 9 އިންސައްތަ ދަށް ޢަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެކްސްޕޯޓުކުރި އަދި އިމްޕޯޓުކުރި މުދަލުގެ ޢަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން 2022ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 292 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، 2023ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ މި ޢަދަދުހުރީ 250 މިލިއަން ރުފިޔާގައެވެ. މިއީ 14 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑު، އިނގިރޭސިވިލާތް އަދި ޖަރުމަންވިލާތެވެ.

އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ޤައުމުތައް

* ތައިލޭންޑް - %66
* އިނގިރޭސިވިލާތް - %9
* ޖަރުމަންވިލާތް - %7
* ސުވިޒަރލޭންޑް - %3
* ފަރަންސޭސިވިލާތް - %3

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ ގަނޑުކުރި ކަޅުބިލަމަހެވެ. އެއީ މުޅި ޖުމްލަ 127 މިލިއަން ރުފިޔާއެވެ.

އިމްޕޯޓަށް ބާލާލާއިރު، 2022ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، 2023ވަނަ އަހަރުގެ ޑިސެމްބަރުމަހު މަހު މި އަދަދުވަނީ 5.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޫރު، އިންޑިއާ އަދި ޔޫ.އޭ.އީއެވެ.

އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ޤައުމުތައް

* ޗައިނާ - 782 މިލިއަން ރުފިޔާ
* އޮމާން - 768 މިލިއަން ރުފިޔާ
* ސިންގަޕޯރ - 731 މިލިއަން ރުފިޔާ
* އިންޑިއާ - 683 މިލިއަން ރުފިޔާ
* ޔޫ.އޭ.އީ - 591 މިލިއަން ރުފިޔާ

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި، ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.