ޚަބަރު

ދުނިޔޭގެ ކޯޓުގެ ހުކުމާ އެކު ޣައްޒާގެ ރައްޔިތުންނަށް މާޔޫސްކަން


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލަން ޔަހޫދީން ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ކަނޑައަޅައި، ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާއިން އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި. އެ ކޯޓުން މި ވަނީ ހުކުމް އިއްވާފައެވެ. ނަމަވެސް، އެ ކޯޓުގެ ހުކުމާ އެކު ޣައްޒާގެ ރައްޔިތުންނަށް ލިބިގެން ދިޔައީ އިތުރު މާޔޫސް ކަމެކެވެ. ކޯޓު ހުކުމަށް އަމާޒުވެގެން ދިޔައީ އެ މީހުންގެ ނުރުހުމެވެ.

ޔަހޫދީންނާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި އެދިފައިވާ އެންމެ މުހިންމު ކަމަކީ، ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވުމުގެ އަމުރެކެވެ. ނަމަވެސް، ކޯޓުން ހުކުމް އިއްވިއިރު އެ ކަމަށް އަލިއަޅުވައިލާފައެއް ނުވެއެވެ. އެ ފަދަ އަމުރެއް ނެރެދީފައެއް ނުވެއެވެ. ކޯޓުގެ ހުކުމާ އެކު، ޣައްޒާގެ 2.3 މިލިޔަން މުސްލިމުންގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ކޮށްލައިފިއެވެ. ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އައި.ސީ.ޖޭއަށް ވެސް ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވާކަށް ނުކެރުނެވެ.

ނަމަވެސް، އެ ކޯޓުން ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ގަތުލުއާންމެއް ހިންގަމުންދާ ކަމަށާއި، މުސްލިމުންގެ ނަސްލު ނައްތައިލަން ލޭއޮހޮރުވުންތައް ހިންގަމުންދާ ކަމަށް ކަނޑައަޅާފައެވެ. މިއީ، ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި ދިރިއުޅެމުންދާ ޣައްޒާގެ މުސްލިމުންނަށް ލިބުނު ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެކެވެ. އެއީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ގަތުލުއާންމެއް ހިންގަމުންދާ ކަން މުޅި ދުނިޔެއިން ގަބޫލު ކުރާ ކަން ހާމަކޮށްދޭ އަމުރެކެވެ.

ދުނިޔޭގެ ކޯޓުގެ ހުކުމަކީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށްތައް ދުނިޔެއަށް ހާމަކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ސިފަ ކުރެއެވެ. ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އެ ޖަމާޢަތުގެ ތަރުޖަމާނު ސާމީ އަބޫ ޒުހުރީ ވިދާޅުވީ، އެއީ ބައިނަލްއަޤުވާމީ މަސްރަޙުގައި ޔަހޫދީން އެކަހެރި ކުރުމަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ. "ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ޔަހޫދީ އިސްތިޢާރީ ސަރުކާރަށް ބާރު އަޅަން ގޮވައިލަން،" ޒުހުރީ ވިދާޅުވިއެވެ.

އީރާނުން ވެސް ވަނީ ކޯޓުގެ ހުކުމަށް މަރުޙަބާ ކިޔާފައެވެ. "މިއަދު [ޒަޔަނިސްޓު] އިސްރާއީލުގެ ވެރިކަމުގައި އޮތް 'ފޭކު' ސަރުކާރުގެ ވެރިންނަކީ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑަށް ނުރުހުންވާ މީހުން. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ކުށުގައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭ. ޔަހޫދީންނަށް [އެމެރިކާގެ] ވައިޓް ހައުސްސުން ދެމުންދާ ތާޢީދު ވެސް ހަނދާން ނައްތައިލެވޭކަށް ނެތް،" އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވެސް ވަނީ އައި.ސީ.ޖޭގެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. "އައި.ސީ.ޖޭން ނެރެފައިވާ ވަގުތީ އަމުރަށް މަރުޙަބާ ކިޔަން. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް [ޔަހޫދީން] ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކުގެ ކުށުގައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓައެއް ނުލާނަން،" އުރްދުޣާން ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، ހިޔުމަން ރައިޓް ވޮޗުން ވަނީ، އައި.ސީ.ޖޭގެ ނިންމުމަކީ ވަރަށް ތާރީޚީ ނިންމުމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އެ ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ބަލްޤީސް ޖައްރާޙް ވިދާޅުވީ ޔަހޫދީންނާއި، ޔަހޫދީންގެ ވާގިވެރިންނަށް ދުނިޔޭގެ ކޯޓުން 'ނޯޓިސް' ފޮނުވާފައިވާ ކަމަށް ދެކޭ ކަމުގައެވެ.

އައި.ސީ.ޖޭގެ އަމުރަކީ ޔަހޫދީންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެ މީހުން ދެކެއެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫ ދެކޭ ގޮތުގައި، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން ދުނިޔޭގެ ކޯޓުން އަމުރުކޮށްފައި ނެތުމަކީ، ޔަހޫދީންނަށް ލިބުނު ކާމިޔާބީއެކެވެ. ނަމަވެސް، އެއީ ގަތުލުއާންމެއް ކަމަށް ކޯޓުން ކަނޑައެޅުމުން ޖައްބާރު ނަތަންޔާހޫ ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައެވެ.